އެމެރިކާ ސިފައިންނަށް އިތުރު ހުއްދައެއް ނެގުމެއް ނެތި، ސްރީލަންކާގެ ބަނދަރުތަކުގައި މަޑު ކުރުމާއި އަސްކަރީ އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް އެމެރިކާ ސިފައިންނަށް ހުއްދަދޭ ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް (ސޯފާ) އެއްބަސްވުމުގައި ސޮއި ކުރައްވަން ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ދެކޮޅު ހައްދަވައިފިއެވެ.

ސިރިސޭނަ މިއެއްބަސްވުން ވީޓޯ ކުރައްވާފައި މިވަނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް ދަނިކޮށެވެ. އެމެރިކާ އާއި އެކު ސޯފާ އެއްބަސްވުމުގައި ސޮއި ކުރައްވަން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ތާއިދު ކުރައްވައެވެ.

ސިރިސޭނަ ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ނުރަނގަޅު އަސަރެއް ކުރާނެ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ ކަމަށެވެ.

"ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ނުރަނގަޅު އަސަރެއް ކުރާނެ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރަން ވެސް އަދި އެފަދަ އެއްބަސްވުމަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް އަޅުގަނޑު ދެކޮޅު. ބައެއް ގައުމުތަކުގެ އަސްކަރިއްޔާތަކުން ބޭނުން ވަނީ ލަންކާ އަކީ އެގައުމުތަކުގެ އަސްކަރީ ބޭހަކަށް ހަދަން. އެފުރުސަތެއް ނުދޭނަން." ސިރިސޭނަ ވިދާޅުވިއެވެ.

ލަންކާ އިން އެމެރިކާ އާއި އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއި ކުރުމުން ބަދަލުގެ ގޮތުގައި 39 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ލަންކާ އަށް ދޭނެ ކަން އެމެރިކާ އިން އޮތީ އިއުލާން ކޮށްފައެވެ. ލަންކާގެ އިޤުތިޞާދީ ހާލަތު އޮތް ގޮތުން އެގައުމަށް ވަނީ ވަރަށް ބޮޑަށް މާލީ އެހީތެރިކަން ބޭނުން ވެފައެވެ.

ލަންކާގެ އިތުރުން ރާއްޖެ އާއި އެކު ވެސް ސޯފާ އެއްބަސްވުމެއްގައި ސޮއި ކުރަން އެމެރިކާ އިން މީގެ ކުރިން މަސައްކަތް ކުރިއެވެ. ރާއްޖެ އާއި އެކު އެއެއްބަސްވުމުގައި ސޮއި ކުރަން އެމެރިކާ އިން މަސައްކަތް ކުރީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވެސް އެމެރިކާ އިން ވަނީ ސޯފާ އެއްބަސްވުމުގައި ސޮއި ކުރަން ރާއްޖެ އަށް ހުށަހަޅާފައެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދާފައެވެ.

ސިރިސޭނަ ދެކޮޅު ހެއްދެވުމުން ލަންކާ އާއި އެކު ސޯފާ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަގު އެމެރިކާ އަށް ބަންދުވެފައި ވާއިރު ލަންކާ އިން މިހާރު ދަނީ މިއަހަރުގެ ފަހުކޮޅުގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޔު

    "އިންޑިއާ ސިފައިންގެ މީހަކު އިހަވަންދޫއިން ފެނުނީމާ އެއުޅުނީ ގޯހެއް ހިގައިގެން ކަމަށް ނުދެކޭށޭ އެއުޅެނީ ރަނގަޅަށް ކަމެއް ހިނގަންވެގެނޭ" ރައީސް ނަޝީދު

    އެމެރިކާއަކީ ދުނިޔޭގެ ސުޕަރޕަވަރ
    އިންޑިއާއަކީ މިރީޖަންގެ ޕަވަރ ތަފާތު ފެނޭތަ ކުދިންނޭ

    16
    4
  2. ފަރުހާދު

    މިގައުމުގެ ރައީސް މިކަހަލަ ނުރައްކަލެއް އޮތްކަމަކަށް ޤަބޫލެއްނުކުރޭ، މިޤައުމުގެދުވަސް ހިނގައްޖެ.

    15
    2
  3. ޞ

    ސާބަހޭ ލަންކާ ރައީސައް

    18
    1
  4. ދާމޫ

    ލަންކާ ރައީސް މަރުވެ ދިޔަޔަސް ވަޠަނަށް ލޯތްބެއްހުރިމީހުންގެ ހިތަކުން ސިރިސޭނާގެ ނަން ފަނޑުވެ ނުދާނެ!

  5. ޕާން ޕާން

    ތީގައުމައް ހެޔޮއެދޭ ވަފާތެރި ވެރިންނަކީ. އައި ސެލިޔުޓްޔޫ މިސްޓަރ ޕްރެސިޑެންޓް