ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް އިންޑިއާގެ އިގްތިސޯދީ މަރުކަޒީ ސިޓީ މުމްބާއީއަށް ރަތް އިންޒާރު ނެރެފިއެވެ.

މުމްބާއީއަށް ބޯކޮށް ވިއްސާރަ ކުރާތާ މިހާރު ހަފްތާތަކެއް ވެއްޖެއެވެ. މުމްބާއީ އާއި ޕޫނޭއިން މި ވިއްސާރާގައި މިހާތަނަށް 40 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ވިއްސާރާގައި މުމްބާއީގެ މަލަދްގައި ހުރި ފާރެއް ވެއްޓި މަރުވެފައިވާ މީހުން ހިމެނެއެވެ.

އިންޑިއާއަށް އާންމުކޮށް މޫސުމީ ވިއްސާރަ އަންނަނީ ޖޫންމަހާއި ސެޕްޓެމްބަރުމަހާ ދެމެދުގައެވެ.

އިއްޔެ ވަނީ ވިއްސާރައިގެ ސަބަބުން މުމްބާއީގެ މައި އެއާޕޯޓްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށްފައެވެ. އިންޑިއާގެ މޫސުމާއީ ބެހޭ އިދާރާއިން މިހާރު ވަނީ ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭ އެކަނިވެސް މުމްބާއީއަށް 200 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

މުމްބާއީގެ ބިންގަނޑު ތިރި ސަރަހައްދެގައި ދިރިއުޅޭ ހާހެއްހާ މީހުން ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވިއްސާރާގައި ސިޓީގެ ރޭލް ޓްރާންސްޕޯޓާއި މަގުމަތީ ދަތުރުތަކުގެ އިތުރުން، ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ. މިއީ ފާއިތުވި 10 އަހަރު ތެެރޭގައި އެންމެ ބޯކޮށް އެ ސަރަހައްދަށް ވިއްސާރަ ކުރި ފަހަރެވެ.

އިންޑިޔާއަކީ ބޯކޮށްވާރޭވެހުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ސަރަހައްދެއްގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ ގިނަބަޔަކު ހާލުގައިޖެހޭ ގައުމެކެވެ. އެހެން ނަމަވެސް މި އަހަރު އިންޑިއާގެ ބޮޑު ސަރަހައްދަކަށް ވަނީ ހަނަފަސްކަން ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު