ޗައިނާ ރަޝިޔާ އަދި ޔޫރަޕް ގުޅުވާލަން ދުނިޔޭގެ އެންމެ ދިގު ހައިވޭ އަޅަން ތައްޔާރުވެއްޖެ އެވެ.

ޗައިނާގެ ރައީސްގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދަން ނިންމި މި މަޝްރޫއަށް ރަޝިއާއިން ވަނީ ރުހުން ދީފައެވެ.

މިއީ ޗައިނާގެ ރައީސް ޒީގެ ބެލްޓް އެންޑް ރޯޑްގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.

ދުނިޔޭގެ ތިން ބައްރު ގުޅާލަން އަޅާ 1254 މޭލު ދިގު މި ހައިވޭ އަޅަން ނިންމާފައިވަނީ އަމިއްލަ ކުންފުންޏަކުނެވެ.

މި ހައިވޭ އެޅުމަށް 14 ވަރަކަށް އަހަރު ނަގާނެއެވެ. އަދި މި މަޝްރޫއުގެ ޖުމުލަ އަގު 600 ބިލިއަނަށް އަރާނެ އެވެ.

ސިލްކް ރޯޑް" ގެ ނަމުން މަޝްހޫރުވެފައިވާ ޕްރޮޖެކްޓް ޗައިނާގެ ރައީސް ޝީ ޖިންޕިން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ 2013 ވަނަ އަހަރު ކަޒަކްސްތާނުގަ އެވެ.

އެގޮތުން ގައުމުތަކުގައި ރޭލްވޭތަކާއި މަގުތަކާއި ބަނދަރު ފަދަ އިންފްރާސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ދޭނެ ކަމަށް ޒީ އިއުލާން ކުރެއްވި އެވެ.

ޒީ ވިދާޅުވީ ބެލްޓް އެންޑް ރޯޑް މަޝރޫއުގެ ގައުމުތަކާ އެކު ޗައިނާގެ ވިޔަފާރި ފަސް ޓްރިލިއަން ޑޮލަރަށް އަރައިފި ކަމަށާއި ޑައިރެކްޓް އިންވެސްޓްމަންޓް 60 ބިލިއަން ޑޮލަރު ފަހަނަޅާއި ހިނގައޖެ ކަމަށެވެ.

އެކަމަކު ސިލްކް ރޯޑުގެ ނަމުގައި ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓަމުންދާ ކަމަށް ބުނެ އެތައް ގައުމަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.