ދާދި ފަހުން ކެލިފޯނިއާއަށް އައި ބިންހެލުންތަކާއި ގުޅިގެން މަރުވެފައިވާ ފިރިހެނެއްގެ ހަށިގަނޑު ހޯދައިފިއެވެ.

ނެވެޑާއަށް ނިސްބަތްވާ އެ މީހާމަރުވެފައި އޮއްވާ ފެނުނީ ޖިޕެއްގެ ދަށުންނެވެ.

7.1 މެގްނެޓިއުޑް ބާރުމިނުގައި މިދިޔަ ހުކުރު ދުވަހު ކެލިފޯނިއާގެ ރިޖްކްރެސްޓް ޓައުންއަށް ބިންހެލުން އައިއިރު، އޭގެ ކުރީ ދުވަހު 6.4 މެގްނެޓިޑް ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ލޮސް އެންޖެލަސްއާއި ލަސް ވެގަސްއަށް ކުރިއެވެ.

"މިއީ އަޅުގަނޑަށް ހީވާގޮތުން ބިންހެލުމާއި ގުޅިގެން މަރުވި މީހެއް". ކެލިފޯނިއާގެ ފުލުުހުން ބުންޏެވެ.

މަރުވި މިހާއަކީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާއަކީ އުމުރުން 56 އަހަރުގެ މީހެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ރިޖްކްރެސްޓް ޓައުންއިންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކެލެފޯނިއާއަށް އައި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޖިއޮލޮޖިކަލް ސޭވޭ އިން ވަނީ އެގައުމަށް ބާރުގަދަ އިތުރު ބިންހެލުމެއް އަންނާނެ ކަމުގެ 50 އިންސައްތަ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

އަދި އޭގެ ފަހުން އެތައްއެތައް ބިންހެލުމަށް އެ ސިޓީއަށް އައިސްފައި ވެއެވެ. މި ބިންހެލުންތަކާއި ގުޅިގެން އެ ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު