ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް 48 ގަޑިއިރުގެ މުހުލަތު ދީފިއެވެ.

ޖެކޮބް ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވަނީ ދެކުނު އެފްރިކާގައި ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީންނެވެ.

މި ނިންމުން ނިންމާފައިވަނީ ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އެންމެ އިސްވެރިން ހިމެނިވަޑައިގަންނަވާ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީގެ 8 ގަޑިއިރަށް ދެމިގެންދިޔަ ދިގު ބަހުސްތަކަށްފަހުއެވެ.

މި ބަހުސައްފަހު އެއްބަސް ވެފައިވަނީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޒޫމާ އަށް ދެންނެވުމަށް ކަމަށް ދެކުނު އެފްރިކާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ޒޫމާ އިސްތިއުފާ ދެއްވުމަށް ޕާޓީން މުލުހަތު ދިނުމާއެކު ދެކުނު އެފްރިކާގެ އިދިކޮޅު ޕާޓީތަކުން ވަނީ އަވަސް އިންތިޚާބަކަށް ގޮވާލާފައެވެ.

ދެކުނު އެފްރިކާގެ ރައީސްކަމުން ޖެކޮބް ޒޫމާ މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް މިކަން އަދި ކަށަވަރުނުވެއެވެ.

ޒޫމާ ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމު ފުރުއްވަމުންނެވެ.

ބެލެވޭގޮތުގައި ރައީސް ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ ޒުމާ ޤާާނޫނު ހަދާ މަޖިލީހުގެ ތެރެއިން އޭނާ މަގާމުން ދުރުކުރާނެއެވެ. މެއިމަހުގެ ނިޔަލަށް މަގާމުގައި ހުންނެވުމަށް ޒޫމާ ހުށަހެޅުއްވި ހުށަހެޅުއްވުމަށްވެސް އޭއެންސީގެ އެގްޒެކެޓިވް ކޮމިޓީން ދެކޮޅު ހަދާފައެވެ.

ޒޫމާގެ ވެރިކަމުގައި ވަނީ ދެކުނު އެފްރިކާގެ އިގްތިސާދު ހީނަރުވެ، ކޮރަޕްޝަނާއި ފަސާދަ އާންމުވެފައެވެ. ޚުދު ރައީސް ޒޫމާއާ ދެކޮޅަށްވެސް ކޮރަޕްޝަންގެ އެތައް ތަހްގީގެއް މިހާރުވެސް ކުރަިއަށް އެބަދެއެވެ.

ރައީސް ޖެކޮބް ޒޫމާ އިސްތިއުފާ ދެއްވައިފިނަމަ ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާނީ އޭއެންސީގެ ރައީސް މިހާރުގެ ނާއިބް ރައީސް ސައިރިލް ރާމަފޯސާއެވެ. ޖެކޮބް ޒޫމާގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަނާއި، ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން އޭނާއަށް މައާފް ނުދެވެނޭ ކަމަށް، ސައިރިލް ރާމަފޯސާ ކުރިންވަނީ ވިދާޅުވެފައެވެ.