ގަލްފުގައި އޮތް އިނގިރޭސި ވިލާތުގެ ބޯޓެއް ހިފަން އީރާނުގެ އަސްކަރީ ބޯޓް ތަކެއް މަސަކަތް ކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން އީރާނުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އަތުލަން މައްސަކަތް މިކުރީ މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުން އީރާނުގެ ތެޔޮޓޭންކަރެއް ހިފަހައްޓައިފައި ވަނިކޮށެވެ.

އީރާނުން ބުނީ މިއީ ފޭރުމުގެ އަމަލެއް ކަމަށެވެ. އީރާނުން ވަނީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭކަރު މިސްރާބު ބަދަލު ކުރަން އެތަށް ފަހަރަކު ވެސް އެދިފައެވެ.

އެމެރިކާއިން ބުނީ އީރާނުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު ހިފަން މައްސަކަތް ކުރި ކަމުގެ ވީޑިއޯ ހެކި އެބަހުރިކަމަށެވެ.

ފާއިތުވެދިޔަ ހަ ހަފްތާގައި ގަލްފް ކަނޑު އޮޅީގައި ވަނީ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފައެވެ. އެމެރިކާއިން ބުނަނީ މި ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ.

އީރާއިން އިން ބުނީ މިއީ ކޮންމެ ވެސް ކަމެއް އީރާނުގެ ބޮލުގައި އަޅުވައިގެން އީރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ރާވާ ރޭވުމެއް ކަމަށް ބުނެފައެވެ.

އިރާނާއި އެމެރިކާ ވަރުގަދަ ހަނގުރަމާއަކަށް ނިކުމެއްޖެ ނަމަ ދެ ގައުމަށް ވެސް ބޮޑެތި ގެއްލުން ތަކެއް ވާނެއެވެ.

އެމެރިކާއިން ވެސް ވަނީ އީރާނުގެ ނުރައްކާ ބޮޑުވެއްޖެ ކަމަށް ބުނެ ގަލްފް ކަނޑަށް މަނަވަރުތަށް ފޮނުވާފައެވެ. އީރާނުން ބުނެފައި ވަނީ ގަލްފް ސަރަހައްދުގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.

އީރާނުން ދާދި ފަހުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ ޑްރޯން އެއްވެސް ވައްޓާލާފައެވެ.

މި ހަމަލާގެ ރައްދުގައި އެމެރިކާގެ ރައީސް ޓްރަންޕް ވަނީ އީރާނަށް ހަމަލާދިނުމަށް ހުއްދަ ދިނުމަށް ފަހު އެނިންމުން ފަހުން ބަދަލު ކޮށްފައެވެ.