ޖަޕާނުގެ ހުޅަނގުދެކުނުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ރިޔޫކޫ އައިލޭންޑްސްގެ ހުޅަނގު އުތުރު އައްސޭރީގެ ސަރަޙައްދަކަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ރިޔޫކޫގެ ހުޅަނގު އުތުރު އައްސޭރިން ކަނޑުގެ ސަރަޙައްދަކަށް ރެކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ބިންހެލުން މޮނިޓަރ ކުރާ ޔޫރަޕިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވާގޮތުގައި މި ބިންހެލުން އައީ ކަނޑުގެ 237 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުން އައި ސަރަޙައްދަކީ ޖަޕާނުގެ އޮކިނާވާ އައިލޭންޑްސްގެ ވެރިކަންކުރާ ރަށް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދުގައި ގާތްގަނޑަކަށް 320000 މީހުންގެ އާބާދީއެއް އޮންނައިރު، ބިންހެލުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިގެން މިހާތަނަށް މީޑިއާ އިން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ހަމަ އެހެންމެ މި ބިންހެލުމުގައި ތަނަކަށް ބޮޑު ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައި ނުވާއިރު، މިއަދުގެ ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއްގެ އިންޒާރު ނެރެފައި ނުވެއެވެ.

މިއަދު ޖަޕާނަށް ރެކްޓަރ މިންގަނޑުން 6.1 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި މިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބިންހެލުން އިތުރުވެފައި ވަނިކޮށެވެ.