ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި ފްލައިޓަކުން ދަތުރުކުރި ގިނަ އަދަދެއްގެ ފަސެންޖަރުންނަށް އަނިޔާވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެއާ ކެނެޑާގެ ފްލައިޓެއްގައި ހިނގި މި ހާދިސާގައި 37 ފަސެންޖަރަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ނޫސްތައް ބުނެއެވެ. މި ހާދިސާ ހިނގުމާއި ގުޅިގެން އެ ފްލައިޓު ޑައިވާޓުކޮށް ހަވާއީއަށް އިމަޖެންސީގައި ޖައްސާފައިވާއިރު، ފްލައިޓުން ޖުމްލަ 284 ފަސެންޖަރުން ދަތުރުކުރިއެވެ.

ބޮއިންގް 777-200 މަރުކާގެ މި ފްލައިޓު ބާރުގަދަ ކޮޅިގަނޑެއްގައި ޖެހިގެން ފްލައިޓު ވަރަށް ގަދަޔަށް ތެޅުމުގެ ސަބަބުން ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައި ވެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެމީހުންނާއި ބެހޭ މައުލޫމާތެއް އެއާލައިނުން ހާމަކޮށްފައެއް ނުވެއެވެ.

މި ފްލައިޓުން ދަތުރުކުރި ބައެއް ފަސެންޖަރުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ހާދިސާ ހިނގައިގެން ފްލައިޓު ތެޅުނު ވަގުތު، އަނިޔާވި ބައެއް ފަސެންޖަރުން ގޮނޑިން ވިއްސައިގެންގޮސް ކެބިންގެ މަތީގައިވާ ކޮމްޕާޓްމަންޓުގައި ޖެހުނު މަންޒަރުވެސް ފެނިފައިވާ ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ފްލައިޓު ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައްވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު އެ ފޮޓޯތަކުން، ފްލައިޓުގެ ކެބިން ތެރެ "އެފުއްމިފުށަށް" ޖެހިފައިވާ މަންޒަރު ފެނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެއާ ކެނެޑާއިން ބުނީ، ހާދިސާގައި އަނިޔާވި މީހުންގެ ހާލު ގާތުން ބަލަމުންދިޔަ ކަމަށެވެ. އަދި އެމީހުންނަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލުގައި ފަރުވާކޮށް އެންމެންވެސް މިހާރު ދޫކޮށްލާފައިވާއިރު، އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ. މި ހާދިސާ އާއި ގުޅިގެން ފްލައިޓު އެއް ދުވަހަށް ޑިލޭވުމުން އެއާލައިނުން ވަނީ އަނިޔާވި ފަސެންޖަރުންގެ އިތުރަށް ތިބި އެހެން ފަސެންޖަރުންނަށް ހޮޓެލްތަކުން އެކޮމޮޑޭޝަނާއި ކެއުން ހަމަޖައްސައިދީފައެވެ.

މި ފްލައިޓަކީ ކެނެޑާގެ ވެންކޯވާ ސިޓީ އިން އޮސްޓްރޭލިއާގެ ސިޑްނިއަށް ދަތުރުކުރި ފްލައިޓެކެވެ. ބުރާސްފަތި ދުވަހުގެ ހާދިސާ އާއި ގުޅިގެން ފްލައިޓު ޑިލޭވުމަށްފަހު އަލުން އެ ފްލައިޓު ދަތުރު ކުރިޔަށްގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ.