އިންޑިއާގެ އުތުރަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެންނާއި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން ދިހަ މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހު ވިއްސާރަ ކޮށްފައި ވާއިރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ވެސް އެސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާ ކުރެއެވެ. އެހެންކަމުން އަދި ވެސް އެސަރަހައްދުގެ ހާލަތު ގޯސް ވާނެ ކަމަށް ބެލެވެއެވެ.

ވިއްސާރައިގެ ސަބަބުން ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި 10 މީހުން މަރުވެފައި ވާއިރު އޭގެ ތެރެއިން ހަ މީހުން މަރުވެފައި ވަނީ އަރްނާޗީ ސްޓޭޓުންނެވެ. އެއީ ޗައިނާ ޓިބެޓް އާއި ބޯޑަރުން ގުޅިފައި އޮންނަ ސަރަހައްދެކެވެ.

"ވިއްސާރައިގެ ސަބަބުން ހިނގި ތަފާތު ހާދިސާތަކުގައި ދިހަ މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވަނީ ވިއްސާރައިގެ އަސަރު ކޮށްގެން ގެދޮރު ގެއްލިފައި." އައްސާމް ސްޓޭޓްގެ ސަރުކާރުން ބުންޏެވެ.

އެންމެ ބޮޑަށް ވިއްސާރަ ކުރަމުން އަންނަ ސަރަހައްދުގައި އޮންނަ ބްރަހަމްޕޫޓާ ކޯރު ވެސް ބަނޑުން ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. އެކޯރު ބަންޑުން ވެއްޖެނަމަ 1800 އަވަށަކަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެގެން ދާނެއެވެ.

އިންޑިއާގެ އުތުރަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާތީ އެގައުމުގެ މައި ސަރުކާރުން ވަނީ އެސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

އިންޑިއާގެ އިތުރުން އަވައްޓެރި ނޭޕާލަށް ވެސް ދަނީ މިވިއްސާރައިގެ އަސަރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު