އިންޑޮނޭޝިއާގެ ބާލީއަށް ރޭ އައި ބާރުގަދަ ބިންހެލުމުގެ ކުރިން ގިނަ އަދަދެއްގެ މަސްތަކެއް އެއްގަމަށް އަރައިގަންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ރޭ އިންޑޮނޭޝިއާގެ ބާލީ އަށް އައިސްފައިވަނީ 6.1 ގެ ބާރުމިނުގެ ބިންހެލުމެކެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ބިންހެލުން އައުމުގެ ކުޑައިރުކޮޅެއް ކުރިން ހާހަކަށް ވުރެން ގިނަ މަސް އެއްގަމަށް އަރައިގަންނަ މަންޒަރެވެ. އަދި އެއްގަމުގައި ތިބި ބައެއް މީހުން މި މަސްތައް ނަގައި ގޯނިތަކަށް އަޅާ މަންޒަރު ފެނެއެވެ.

https://twitter.com/WendellmondLife/status/1150946302160584704?s=19

މީސް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ ބިންހެލުމުގެ އިންޒާރު ދޭފަދަ މަންޒަރުތަކެއް ކަމަށް އާންމު ދަނީ ބުނަމުންނެވެ.

ބާލީ އަށް އައި ބިންހެލުމުގައި ބައެއް އިމާރަތްތަކަށްވެސް ވަނީ ގެއްލުން ވެފައެވެ.

ބިންހެލުމުގެ އަސަރު ވަނީ ބާލީގެ ޑެންޕަންސާއަށް ވެސް ކޮށްފަ އެވެ.

ބިންހެލުން އައުމާ އެކު ބާލީގެ މައި އެއާޕޯޓުގެ ދެކުނުގެ ހޮޓަލެއްގައި ތިބި ގެސްޓުން ވަނީ ބޭރަށް ނުކުމެފަ އެވެ.

ބިންހެލުމާ އެކު އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް ސުނާމީގެ އިންޒާރު ނެރެފައެއް ނުވެ އެވެ.

ނަމަވެސް އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑަށް މިދިޔަ އަހަރު އައި 7.5 ބާރުމިނުގެ ބިންހެލުމާއި އޭގެ ފަހުން އުފެދުނު ސުނާމީގައި ވަނީ 2،200 މީހުން މަރުވެ އިތުރު ހާހެއްހާ މީހުން ގެއްލިފަ އެވެ.