ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ ކޮންޓްރޯލް ނުވެ ފެތުރެމުން ދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔެ އަށް އެމެޖެންސީ އިއުލާން ކޮށްފިއެވެ.

މުޅި ދުނިޔެއަށް އެމެޖެންސީ އިއުލާން ކުރި ނަމަވެސް އެއްވެސް ގައުމެއްގެ ބޯޑަރު ބަންދު ކުރަން އަދި ޑަބްލިއުއެޗްއޯ އިން ނުނިންމައެވެ. އެއީ ބައްޔެއް ފެތުރެމުންދާ ނަމަ ޑަބްލިއުއެޗްއޯ އިން އަޅަން ނިންމާފައި އޮންނަ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

އެބޯލާ މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ކޮންގޯގައެވެ. އެގައުމުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެބޯލާ ޖެހިގެން މިހާތަނަށް 1600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޖެނީވާގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މުޅި ދުނިޔެއަށް އެމެޖެންސީ އިއުލާން ކުރި ނަމަވެސް ވިޔަފާރި ކުރުމަށް ނުވަތަ ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ބަނދަރުތަކާއި އެއާޕޯޓްތަކުން ވެސް މީހުން ސްކްރީން ކުރަން މިހާތަނަށް ނިންމާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އެބޯލާ ދުނިޔެއަށް ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި ނަމަވެސް އެންމެ ނުރައްކާ ބޮޑީ މިހާރު އެބޯލާ ފެތުރެމުންދާ ގައުމުތަކުގެ ކައިރީގައި އޮންނަ އަވައްޓެރި ގައުމުތަކަށް ކަމަށެވެ.

އެމެޖެންސީ އިއުލާން ކުރުމުގެ ބޭނުމަކީ އެބޯލާ ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމަށް ކުރީބައިގައި ތައްޔާރުވުމެވެ. އަދި ކަމުގެ ނުރައްކާތެރިކަން ވިސްނައިދީ މިހާރު އެބޯލާ ފެތުރެމުންދާ ގައުމުތަކަށް އެހެން ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރު އެޅުމެވެ.

އެބޯލާ އަށް ވަނީ މިހާރު ވެކްސިންއެއް އުފައްދާފައެވެ. އެވެކްސިންގެ އަސަރު 99 އިންސައްތަ މީހުންނަށް ކުރެއެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެންމެނަށް ވެކްސިން ދިނުމުގެ ގާބިލްކަން ލިބިފައި ނެތުމެވެ. މިހާރު ވެކްސިން ދެމުން ގެންދަނީ އެބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ މީހުންނަށާއި، އެބޯލާ ޖެހިފައިވާ މީހުންނާއި ކައިރީގައި އުޅޭ މީހުންނަށެވެ.

މިއަދު އދ.ގެ މަތީފެންވަރުގެ ވެރިން ބައްދަލުކޮށް ވަނީ އެބޯލާ ފެތުރުން ހުއްޓުވަން ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިރާއްޖޭގެ ތިކަމާ ފިކުރުކުރާނެ ވެރިއެއްނެތް، މިމީހުން ހިތަކަށްނާރާނެ ކަހެރުވަކެކޭވެސް، މިހެން މިބުނީ މިވެނިކަމެއްނުން ހުރިހާކަމެއްވެސް މިދަނީ ބޮއްސުންލައިގެން، މިގައުމުގަ ތިބި ރައްޔިތުން ޢަރަގު ވެގެންދާއިރުވެސް މިމީހުން އަޅާވެސްނުލާނެ، އެހާ އިންސާނިއްޔަތުކަމެއްނެތް ޖައްބާރުބައެއްމީ.

    15
    7