މީގެ ފަސް އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ގެއްލުނު ދަތުރަށް ފުރުމުގެ ކުރިން އެ ފްލައިޓަށް ގޮތް ނޭނގޭ އާދަޔާއި ހިލާފު އެއްޗެއް އެރުވި ކަމަށް އެމްއެޗް 370 ގެއްލުނު ހާދިސާގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނެފިއެވެ.

އެމްއެޗް 370 ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމުގައި ހަރަކާތްތެރިވާ ފްރާންސްގެ ތަޙްޤީޤު ޓީމްގެ މަސައްކަތްތަކުގެ މައުލޫމާތު އެނގޭ މީހަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ފްލައިޓަށް ގޮތް ނޭނގޭ 89 ކިލޯގެ އެއްޗެއް އަރުވާފައިވާ ކަން މިހާރު ފްރާންސް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"ވަރަށް އާދަޔާއި ހިލާފު އެއްޗެއް ފްލައިޓެއް އަރުވާފައިވާކަން ފްލައިޓަށް އެރުވި އެއްޗެހީގެ ލިސްޓުން އެބަފެނޭ. ކޮންއެއްޗެއް ކަން އެނގެން ނެތް އެއެއްޗެއްގެ ބަރުދަނުގައި 89 ކިލޯ ހުރި." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ފްރާންސް ފުލުހުންނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބެލުމަށް ފަހު ފްރާންސް ފުލުހުން ގަބޫލު ކުރާ ގޮތުގައި ފްލައިޓްގެ ފުރިހަމަ ކޮންޓްރޯލް ކެޕްޓަން ޒަހާރީ އަހްމަދު ޝާހްގެ އަތުގައި އޮތެވެ. ފްލައިޓް ވައްޓާލާފައި ވަނީ އޭނާ ގަސްދުގައި ކަމަށް ލަފާ ކުރެވެއެވެ. އެއީ އޭނާ އަކީ އެފަދަ ކަމެއް ކޮށްފާނެ މީހެއް ކަމަށް އޭނާގެ އާއިލާގެ ކަންތައްތައް ހުރި ގޮތުން ބެލެވޭތީއެވެ.

ފްލައިޓްގެ ކޯޕައިލެޓަކަށް އިން ފާރިގް އަހްމަދަކީ އެފަދަ ބޮޑު ކަމެއް ކޮށްފާނެ ފަދަ ހާލަތެއްގައި ހުރި މީހެއް ކަމަކަށް ތަޙްޤީޤު ކުރާ ފަރާތްތަކަކަށް ގަބޫލެއް ނުކުރެވެއެވެ.

އެމްއެޗް 370 ގެއްލުނު ހާދިސާ އަށް ފަސް އަހަރު ވެގެން ދިޔައިރު ވެސް ފްލައިޓަށް ވީގޮތެއް ނޭނގެއެވެ. އަދި ތަޙްޤީޤު ތަކުން ވެސް މިހާތަނަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.