މެކްސިކޯގެ މަޝްހޫރު ޑްރަގް ވިޔަފާރިވެރިޔާ ޖޮކިން ގްޒްމަން މަޝްހޫރު ނަމުންނަމަ "އެލް ޗަޕޯ" ގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލާފައިވާ ދިހަ ދައުވާ ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފި އެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ފަނޑިޔާރު ބްރިއަން ކޯގަން އެލްޗަޕޯގެ މައްޗަށް ހުކުމް އިއްވަމުން ބުނީ އޭނާ އާއި ދެކޮޅަށް އެތަކެއް ހެކިތަކެއް އެބަހުރި ކަމަށާއި މިއީ ދެކޮޅު ނުހެދޭނެ ހަގީގަތެއް ކަމަށެވެ.

ރައްދުގައި އެލް ޗަޕޯ ބުނީ އޭނާގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށެވެ.

އުމުރުން 62 އަހަރުގެ އެލްޗަޕޯގެ މައްޗަށް 10 ދައުވާއެއް ސާބިތުވިއިރު އޭގެ ތެރޭގަައި މަނީ ލޯންޓަރިން, ޑްރަގް ޓްރެފިކިން, މީހުން މެރުން ހިމެނެ އެވެ. ސަލަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު ފެށި ޝަރީއަތް ހަތަރު މަހަށް ދިގުދެމިގެން ދިޔައެވެ.

އެލް ޗަޕޯގެ ވަކީލް ބުނީ ހަގީގީ ކުއްވެރިއަކީ އަލް ޗަޕޯ ނޫން ކަމަށާއި ނަމަވެސް އަސްލު ކުށްވެރިއަކީ ސައިނަލޮއާ ކާޓެލްގެ ލީޑަރު އިސްމާއިލް "އަލް މަޔޯ" ޒަމްބަޑާ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އަދި އޭނާ މެކްސިކޯގައި ވަރަށް މިނިވަންކަމާ އެކު އުޅޭ ކަމަށެވެ.

އެމެރިލާގެ ޕްރޮސެކިއުޓަރުންނާއި ހަވާލާދީ ރިޕޯޓްތަށް ބުނާ ގޮތުން އެލް ޗަޕޯއަށް މިއަދު އިއްވި އުމުރު ދުވަހުގެ ޖަލުހުކުމް ތަންފީޒު ކުރާނީ އެމެރިކާގެ ކޮލަރާޑޯގަައި ހުންނަ އެކްސިމަމް ފެޑެރަލް ސުޕަމެކްސް ޖަލެއްގައެވެ. މި ޖަލުން އެލް ޗަޕޯއަށް ފިލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.

އެލްޗަޕޯ އަކީ މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް ކާޓެލް ކަމަށްވާ ސިނައޯލާ ކާޓެލްގެ ވެރިޔާ އެވެ.

އެތައް އަހަރެއް ވަންދެން އެލްޗަޕޯ ހައްޔަރު ނުކުރެވި ހުރި ހަޤީޤީ ސަބަބަކީ ރިޝްވަތު ދީގެން އޭނާ އާއި ދެކޮޅު އޮޕަރޭޝާންތައް ހުއްޓުވާފައި އޮތުމެވެ.

އޭނާ ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޖަލުން ފިލާފައެވެ.

ފުރަތަމަ އޭނާ ޖަލުން ފިލީ 2001 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ޖަލުން ފިލީ 2015 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރު އޭނާ ހައްޔަރު ކޮށްގެން އެމެރިކާއަށް ގެނެވުނެވެ.