އެމެރިކާއިން އީރާންގެ ޑްރޯނެއް ވައްޓާލައިފިއެވެ. މިޑްރޯން ވައްޓާލާފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިންނެވެ.

އެމެރިކާއިން އިރާންގެ ޑްރޯނެއް ވައްޓާލާފައިވާއިރު، މީގެ ކުރިން އިރާނުންވަނީ އެމެރިކާގެ ޑްރޯނެއް ވައްޓާލާފައެވެ.

އެމެރިކާއިން އިރާންގެ ޑްރޯނެއް ވައްޓާލާފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕްވަނީ ކަށަވަރުކޮށްދީފައެވެ.

"އެމެރިކާގެ އަސްކަރީ އުޅަނދު ފަހަރަކާ ކައިރިވީ. 1000 ޔާޑަށްވުރެ ކައިރިވި، އެތައް ފަހަރަކު އިންޒާރުދިން. އިންޒާރަށް އަމަލު ނުކުރުުމުން ޑްރޯން ވައްޓާލީ" ޓްރަންޕް ބުންޏެވެ.

އީރާންގެ ޑްރޯން ވައްޓާލީ އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫއެސްއެސް ބޮކްސާ" އިންނެވެ. އެއީ ބޮންއަޅާ ބޯޓް ފަހަރު ވެސް އުފުލާ މަނަވަރެކެވެ.

އެމެރިކާ އިން އީރާންގެ ޑްރޯނެއް ވައްޓާލުމަކީ އެކު އަނެއްކާ ވެސް މަސްރަހު އިތުރަށް ގޯސް ވެދާނެ ކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ. މިހާދިސާ އަށް ފަހު އީރާނުން އަނެއްކާ ވެސް ރައްދުގައި ހޮރުމޫޒް ކަނޑުއޮޅި ކައިރިން ތެޔޮ ޓޭންކަރުތައް ހިފަހައްޓަން އިތުރު މަސައްކަތްތަކެއް ކޮށްފާނެ ކަމަށް ލަފާ ކުރެވެއެވެ.

އީރާނާއި އެމެރިކާގެ ގުޅުން ފާއިތުވި މަހެއްހާ ދުވަހު އިތުރަށް ގޯސްވެ ހަނގުރާމައެއް ވެސް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް އެމެރިކާ އާއި އީރާނުން ވެސް ބުނަމުން ދަނީ ހަނގުރާމައެއް ފަށަން ބޭނުން ނުވާ ކަމަށާއި އަސްކަރީ ފިޔަވަޅުތައް އަޅަމުން ގެންދަނީ އަމިއްލަ ދިފާޢުގައި ކަމަށެވެ.

އީރާނާއި އެމެރިކާގެ ގުޅުން ގޯސްވެފައި ވާއިރު މެދުއިރުމައްޗަށް މިހާރު ވެސް ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ފޮނުވާފައެވެ. އަދި މިހާރު ވެސް އިތުރު ސިފައިން މެދުއިރުމައްޗަށް ފޮނުވުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން ގެންދަނީ ކުރަމުންނެވެ. މިއީ ހަނގުރާމައެއް ފެށިއްޖެނަމަ އަވަހަށް އީރާނުގެ ދުވަސް ދުއްވާލުމަށް އެމެރިކާ އިން ތައްޔާރުވަމުންދާ ތައްޔާރުވުމެއް ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.