އީރާންގެ ޑްރޯނަކަށް އެމެރިކާ ސިފައިން ހަމަލާދީ ހޮރުމޫޒް ކަނޑުއޮޅިން އެ ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ވާހަކަތައް އީރާން ސަރުކާރުން ދޮގުކޮށްފިއެވެ.

އީރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސައްޔިދު އައްބާސް އަރާޤީ މިއަދު ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅިން ވެސް އަދި އެހެން ތަނަކުން ވެސް އީރާންގެ ޑްރޯނެއް ވެއްޓިފައި ނުވާ ކަމަށެވެ.

"ހޮރްމޫޒް ކަނޑުއޮޅިން ވެސް އަދި އެހެން ތަނަކުން ވެސް އަޅުގަނޑުމެންގެ ޑްރޯނެއް ވެއްޓިފައި ވެސް އަދި ގެއްލިފައި ވެސް ނުވޭ." ޑެޕިއުޓީ މިނިސްޓަރ ސައްޔިދު ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ސައްޔިދު ވިދާޅުވީ އެމެރިކާ އިން ވައްޓާލި ކަމަށް އެބުނަނީ އެމެރިކާގެ އަމިއްލަ ޑްރޯނެއް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ޔޫއެސްއެސް ބޮކްސާ އިން ވައްޓާލާފައި އެވަނީ އެމެރިކާގެ ޑްރޯނެއް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ." ޑެޕިއުޓީ މިނިސްޓަރ ސައްޔިދު ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ރޭ ބުނީ އީރާންގެ ޑްރޯނެއް އެމެރިކާގެ މަނަވަރު ޔޫއެސްއެސް ބޮކްސާ އާއި މާބޮޑަށް ކައިރިވާން ފެށުމުން އިންޒާރު ދިނުމަށް ފަހު ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.

އީރާނާއި އެމެރިކާގެ ގުޅުން ފާއިތުވި މަހެއްހާ ދުވަހު އިތުރަށް ގޯސްވެ ހަނގުރާމައެއް ވެސް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް އެމެރިކާ އާއި އީރާނުން ވެސް ބުނަމުން ދަނީ ހަނގުރާމައެއް ފަށަން ބޭނުން ނުވާ ކަމަށާއި އަސްކަރީ ފިޔަވަޅުތައް އަޅަމުން ގެންދަނީ އަމިއްލަ ދިފާޢުގައި ކަމަށެވެ.

އީރާނާއި އެމެރިކާގެ ގުޅުން ގޯސްވެފައި ވާއިރު މެދުއިރުމައްޗަށް މިހާރު ވެސް ވަނީ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ފޮނުވާފައެވެ. އަދި މިހާރު ވެސް އިތުރު ސިފައިން މެދުއިރުމައްޗަށް ފޮނުވުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާ އިން ގެންދަނީ ކުރަމުންނެވެ. މިއީ ހަނގުރާމައެއް ފެށިއްޖެނަމަ އަވަހަށް އީރާނުގެ ދުވަސް ދުއްވާލުމަށް އެމެރިކާ އިން ތައްޔާރުވަމުންދާ ތައްޔާރުވުމެއް ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮނަލްޑް ޓްރަމްޕް

    އަސްލު އަހަރެމެންނަށް ވައްޓާލެވިފަ އޮތީ ހަމަ އަހަރެމެންގެ ޑްރޯންއެއް.

    32
    2
  2. އަލީ

    ތީތި ތަފާތު

    19
    2
  3. ބޯބުރި

    މުސްލިމު ކިޔައިފިއްޔާ ތެދެއް ނުބުނާތި އޮޅިގެންވެސް.

    1
    15