އިސްރާއީލުން ފަލަސްތީންގެ ޣައްޒާ ހިޞާރުކޮށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މިއަދު މުޒާހަރާ ކުރި ޣައްޒާ ރައްޔިތުންނަށް އިސްރާއީލް ސިފައިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފިއެވެ. އިސްރާއީލް ސިފައިން ހަމަލާ ދިނުމުން ޒަހަމްވި މީހުންގެ ތެރެއިން ފަލަސްތީންގެ ނޫސްވެރިއެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ މިއަދުގެ މުޒާހަރާ ކޮންޓްރޯލް ކުރަން އިސްރާއީލް ސިފައިން ރަބަރު އުންޑަ އާއި ކަރުނަ ގޭސް ވެސް ޖަހާފައިވާ ކަމަށެވެ.

މިއަދު ޣައްޒާގައި މުޒާހަރާ ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: ވަފާ
މިއަދު ޣައްޒާގައި މުޒާހަރާ ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: ވަފާ

ވަފާ ބުނީ މިއަދު ސީރިއަސް ޒަހަމްތަކެއް ލިބުނު ނޫސްވެރިޔާގެ މޫނުގައި ކަރުނަގޭސް ކެނިސްޓާ އަކުން ޖެހިފައިވާ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު މުޒާހަރާ ކަވަރު ކުރަން އުޅެނިކޮށް އިސްރާއީލް ސިފައިން ވަނީ ރަބަރު އުންޑަ އިން އޭނާ އަށް ހަމަލާދީފައި ކަމަށް ވެސް ވަފާ ބުންޏެވެ.

"ކަރުނަގޭސް ކެނިސްޓާ އިން މޫނުގައި ޖެހުމުން ލިބުނު ޒަހަމްތަކަށް ދަނީ ފަރުވާ ދެމުން. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެނީ." ވަފާ ބުންޏެވެ.

މިއަދު ޣައްޒާގައި މުޒާހަރާ ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: ވަފާ
މިއަދު ޣައްޒާގައި މުޒާހަރާ ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: ވަފާ

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ޣައްޒާގައި ކޮންމެ ހުކުރު ދުވަހަކު ގެންދަނީ އިސްރާއީލާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މިމުޒާހަރާތަކުގެ ތެރެއަށް އިސްރާއީލް ސިފައިން ހަމަލާދީ މިހާތަނަށް މަދުވެގެން 295 މީހުން ޝަހީދު ކޮށްލާފައިވެއެވެ.

އިސްރާއީލާއި މިސްރުން ބޯޑަރުތައް ބަންދުކޮށް ޣައްޒާގެ ދެމިލިއަން ރައްޔިތުން އިންސާނީ ހުރިހާ ޙައްޤަކުން މަހްރޫމް ކޮށްފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އިސްރާއީލުން ޣައްޒާ ހިޞާރުކޮށްފައި ވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.