ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއްވެސް އީރާނުން ހިފަހައްޓައިފިއެވެ.

މިރޭ ކުރިން ވަނީ އިނގިރޭސިވިލާތުގެ ކުންފުންޏެއްގެ ތެޔޮ ޓޭންކަރަކަށްވެސް ހުރަސް އަޅާ، ތެޔޮ ޓޭންކަރު އީރާން ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ތެޔޮ ޓޭންކަރު ހިފެހެއްޓިކަން އީރާނުން އަދި ކަށަވަރުކޮށްދީފައި ނުވާ އިރު، އެމެރިކާއިން ބުނެފައި އީރާނުން ހިފެހެއްޓީ ލައިބީރިއާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓުން ބުނެފައި ވަނީ 'މެސްޑަރު" ނަމަކަށްކިޔާ ތެޔޮ ޓޭންކަރަކީ އިނގިރޭސިވިލާތުން އޮޕަރޭޓް ކުރާ ތެޔޮ ޓޭންކަރެއް ކަމަށެވެ. އިންޑިޕެންޑެންޓުން އިތުރަށް ބުނެފައި ވަނީ ރެފިނިޓިވް ޓްރެކިން ޑާޓާއިން ދައްކާ ގޮތުން ތެޔޮ ޓޭންކަރު މިހާރު އީރާންގެ އުތުރާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.

މިރޭ ކުރިން ހިފެހެއްޓި ތެޔޮ ޓޭންކަރަކީ އިނގިރޭސިވިލާތުގެ ސްޓެނާ ބަލްކް ނަމަކަށް ކިޔާ ކުންފުނީގެ ތެޔޮ ޓޭންކަރެކެވެ. އެ ޓޭންކަރު ހިފަހައްޓާފައި ވަނީ ސައުދީ އަރަބިއްޔާގެ އަލް ޖުބައިލް ބަނދަރުން ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ 30000 ޓަނުގެ ތެޔޮ ބަރުކުރެވޭ ޓޭންކަރެކެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން އެ ޓޭންކަރާ ގުޅިގެން ބުނީ ތެޔޮ ޓޭންކަރު ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ ބައިނަލްއަޤުވާމީ ކަނޑުގެ ޤަވައިދުތަކަށް އަމަލު ނުކުރާތީ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އީރާން ސަރުކާރުން އަދި ދީފައެއް ނުވެއެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން އިނގިރޭސިވިލާތުން ވެސް ވަނީ އީރާންގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ. ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ ތެޔޮ ޓޭންކަރުތަކަށް އީރާނުން ހުރަސް އެޅުމަކީ ހާލަތު އިތުރަށް ގޯސްވެ ކުރިމަތިލުމެއް ވެސް ފެށިދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދދދދދދ

    ސަޅި. ބަރާބަރު. ނޭވާހޮޅިއަށް އަޅުވާފަ ބަހައްޓާ. މި ގައުމުގަ ތިބޭނެ ތިކަމާ ކަރުނަ އަޅާ ބަޔަކު. ހެހެހެ

    51
    2
  2. އަޙްމަދް.

    އެމެރިކާ ބޭނުން ވާގޮތް ތިވަނީ.
    ކަނޑުކޮސް އީރާނު.

    6
    40
  3. ބަކުރުބެ

    އަހައްމަދާ ކަލޭ އެމެރިކާއަށް ސަޕޯޓްކޮށް އީރާންދެކެ ތިހާރުޅި އަންނަނީ އީރާނަކީ މުސްލިމް ގައުމަކަށް ވެފާ ކަލެއަކީ އެތީސްޓަކަށް ވާތީދޯ ؟

    24
    2
  4. ދަތްދޫނި

    އެވެސް މަރު މިވެސް މަރު ކިޔާފައި ނިއުކުލިއަރ ހަނގުރާމައެއް އީރާނުން ފަށަންވެއްޖެ. ދުނިޔެ އަކަށް ވޭނެ ގޮތަކާއި މެދު ބަލާނެ ކަމެއް ނެތް. ސަލާމަތުން ތިބި ބަޔަކު ތިބޭނެތާ!

    19
    2
  5. ގައުމުގެ ދޫ

    ދުނިޔޭގެ ކަންކަން ހިނގާންޖެހޭނީ އެމެރިކާ އަދި އިނގިރޭސިވިލާތުން ބޭނުންވާ ގޮތަކަށްނޫން. ބާރެއް ޒަމާނެއްގާ ލިބިފަ އޮތަސް ބިރުދައްކައިގެން ކަންކަން ހައްލު ކުރާން އުޅުމަކީ ވެސް ހައްލެއް ނޫން. ރީތިގޮތުގާ ކަންކަން ކުރާނަމަ ގިނަ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ފެންނަނީ. އެހެން ގައުމުތަކަށްވެސް ދޭންޖެހޭ އިހުތިރާމާ ގަދަރުވެސް ދޭންޖެހޭނެ ކަން ގަބޫލުކުރެއްވުން ވެސް މުހިންމު. ވެދުމާ ސަލާމް