ފާއިތުވެދިޔަ ދުވަސްތަކުގައި ދެކުނު އޭޝިއާ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައިގައި އަވައްޓެރި ސްރީލަންކާއަށް މޫސުން ގޯސްވެ އެޤައުމުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ބައެއް ހިސާބުތަކުގައި ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި ރެޑް ނޯޓިސް ނެރެފިއެވެ.
ލަންކާގެ ނޫސްތައް ބުނާގޮތުގައި ރެޑް ނޯޓިސް ނެރެފައި ވަނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަރުބަދަ ކަނޑައިގެން ދިއުމުގެ ހާދިސާތައް ގިނަވަމުންދާތީ، އެފަދަ ހާހިސާތައް އެންމެ ގިނައިން ހިނގަމުންދާ ސަރަޙައްދުތަކަށް ކަމަށެވެ.
ފަރުބަދަ ކަނޑައިގެން ދިއުމުގެ ހާދިސާތަކަށް ސަމާލުވުމަށް އަންގާ ލަންކާގައި ރެޑް ނޯޓިސް ނެރެފައި ވަނީ އެޤައުމުގެ ރަތްނަޕޫރާ ޑިސްޓްރިކްޓާއި ނުވަރައެލިޔާ އަދި ކެންޑީގެ ބައެއް ހިސާބުތަކަށެވެ. މި އަވަށްތަކަކީ ލަންކާގައި ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އަވަށްތަކެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ލަންކާގެ އެކި ކަންކޮޅުތަކުގައި ގިނަ ހާދިސާތައް ހިނގަމުންދާއިރު، މިހާތަނަށް ހަތް މީހަކު މަރުވެފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ކުރިޔަށް އޮތް ދުވަސްތަކަށްވެސް މިހާރު ކުރަމުންދާ ވިއްސާރަ ދިގު ދެމިގެން ގޮސްދާނެ ކަމަށްޓަކައި އެޤައުމުގެ ބައެއް މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވަމުންދާއިރު، ފެންބޮޑުވުމާއި މޫސުމީ އެނޫންވެސް ހާދިސާތަކާއި ކުރިމަތިވެ އެޤައުމުގައި ގިނަ ބަޔަކު ހާލުގައި ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.