ގްރީސްގެ ދެކުނު އައްސޭރީގައި އޮންނަ އެތަންސަށް ބާރުގަދަ ލޮޅުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން 5.3 ގެ ބާރުމިނުގައި ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. ބިންހެލުން އަރާފައިވަނީ އެތަންސްގެ އުތުރުން 22 ކިލޯމީޓަރު ދުރުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންހެލުމުގައި ބަައެއް އިމާރަތްތަކަށް ގެއްލުންވިއެވެ.

ބިންހެލުން އައި ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ، ފަތުރުވެރި މަންޒިލެކެވެ. އެ ސަރަޙައްދަށް ބިންހެލުން އައި ވަގުތު ގިނަ ބަޔަކަށް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުނެވެ.

މި ބިންހެލުން އައި ސަރަޙައްދަކީ ތާރީޚީ ބިނާތައްވެސް ގިނަ ސަރަޙައްދަކަށްވާއިރު، ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. މި ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވެގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާކަމަށް ގްރީސްގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި، ބޮޑު ބިންހެލުމުގެ އެންމެ ފަހުގެ އަލާމާތްތަކަކީ އާދަޔާއި ޚިލާފަށް ކުދި ބިންހެލުންތައް އިތުރުވުމެވެ.
މިބިން ހެލުން އައިސްފައިވަނީ ކުދިކުދި ބިން ހެލުންތަކެއް އައުމަށްފަހު ކަމަށް އެތެންސްގެ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.