ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުން އިނގިރޭސިވިލާތުގެ ދިދަޖަހައިގެން ދަތުރުކުރަމުން ދަނިކޮށް އީރާނުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ތެޔޮ އުފުލާ ކަނޑުމަތީ ޓޭންކަރުގައި އިންޑިއާގެ 23 ފަޅިވެރިއަކު ތިބި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ސްޓެނާ އިމްޕޭރޯ" ނަމަކަށް ކިއާ ޓޭންކަރުގެ ވެރި ފަރާތުން ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލީމާތު ދެމުން ބުނީ ބޯޓުގައި ތިބި 23 މީހުންގެ ތެރޭގައި އިންޑިއާގެ 18 މީހުން އަދި ރަޝިއާއަށް ނިސްބަތްވާ މީހުންވެސް ތިބި ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަގަޅު ކަމަށެވެ.

އިންޑިއާ ސަރުކާރުން މިހާރު ދަނީ އިންޑިއާގެ 18 ރައްޔިތުން މިނިވަން ކުރުމާއި ގުޅޭ ގޮތުން އީރާނާއި ވާހަކަ ދައްކަމުންނެވެ.

އީރާނުން ބުނީ އެގައުމުގެ ރިވަލޫޝަނަރީ ގާޑުންގެ ޓީމެއް މި ބޯޓަށް އަރާ، ބޯޓު ކޮންޓްރޯލްގެ ދަށަށް ގެންނަން ޖެހުނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ.

ޓޭންކަރު ދޫނުކޮށްލައިފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތި ވެދާނެ ކަމުގެ އިންޒާރު، އިނގިރޭސިވިލާތުން ރޭ ވަނީ ދީފައެވެ.

ލައިބީރިއާގެ ދިދަޖަހައިގެން ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އިނގިރޭސިވިލާތުގެ ދެވަނަ ޓޭންކަރެއް ވެސް އީރާނުން ހިފެހެއްޓިކަން އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ.