ސަލާމަތީ ސަބަބުތަކަށްޓަކައި ބްރިޓިޝް އެއާވެސް އަދި ޖަރުމަނު ވިލާތުގެ ލުފްތަންސާ އިން މިސްރުގެ ވެރިރަށް ގާހިރާއަށް ކުރަމުން އަންނަ ދަތުރުތަށް ވަގުތީ ހުއްޓާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ދެ އެއާލައިނުން ގާހިރާއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލީ ޓަރެވެލް އެޑްވައިޒަރީއެެއް ނެރެ ނިރުބަވެރި ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ދިނުމުންނެވެ.

މި ދެ އެއާލައިނަކީ އިނގިރޭސިވިލާތުން މިސުރަށް އޮޕަރޭޓް ކުރާ ހަމައެކަނި ދެ އެއާލައިންނެވެ.

ބްރިޓިޝް އެއާވޭސް އިން ނެރުނު ބަޔާނެއްގައި ވަނީ ގާހިރާއަށްދާ އެ އެއާލައިންގެ ހުރިހާ ފްލައިޓެއް ހަތް ދުވަސް ވަންދެން ވަގުތީ ގޮތުން ހުއްޓާލީ ޕެސެންޖަރުންގެ ސަލާމަތީ ކަންކަން ޔަގީން ކުރުމަށް ކަމަށާއި މި ކަންކަން ޔަގީން ކުރުމަށް ގާހިރާގެ އެއާޕޯޓްތައް ބަލަމުންދާ ކަމަށެވެ.

ލުފްތަންސާއިން ވެސް ކެއިރޯއަށް ކުރާ ދަތުރުތަށް ހުއްޓާލި ކަން އިއުލާން ކުރިނަމަވެސް މާދަމާ އަލުން ދަތުރުތަށް ފެށުމަށް ވަނީ ނިންމާފައެވެ.

ބްރިޓިޝް އެއާވޭސް އަދި ލުފްތަންސާއިން ވަގުތީ ގޮތުން ކެއިރޯ އަށް ކުރާ ދަތުރުތައް ހުއްޓާލީ މީގެ ދެ ދުވަސް ކުރިން ޕާސިއަން ގަލްފުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން ހިފަހައްޓާފައި ވަނިކޮށެވެ.