މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފަށް ޖަލުގައި ފެންވަރު ރަނގަޅު ކާނާއާއި އޭސީގެ ހިދުމަތް ނުލިބޭނެ ކަމަށް ޕާކިސްތާނުގެ މިހާރުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވެއްޖެވެ.

މިހާރު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެން އުޅުވާ އިމްރާން ވޮޝިންޓަންގެ އެރީނާ ވަންގައި އެއްވެ ތިބި 30000 ޕާކިސްތާނުގެ ރައްޔިތުންނާއި މުހާތަބު ކުރައްވައި ވިދާޅުވީ ޕާކިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި އާއިލާތަކަށް އެއާކަންޑިޝަން އަދި ޓީވީގެ ހިދުމަށް ނުލިބޭ ކަމަށާއި މި ކަން މިހެން އޮއްވައި ޖަލުގައި ހުރި ކުށްވެރިއަކަށް ރަނގަޅު ފެންވަރުގެ ހިދުމަތް ނުދެއްވާނެ ކަމަށެވެ.

"ނަވާޒު ބޭނުންވަނީ ގެއިން ގެންނަ ކާނާ ޖަލުގައި ފަރިއްކުޅުއްވަން, ނަވާޒަށް މި ހުރިހާ ހިދުމަތެއް ރަނގަޅު ފެންވަރެއްގައި ލިބިގެން ނުވާނެ މިއީ އިންސާފެއް ނޫން, އެކަން ޔަގީން ކުރާނަން " އިމަރާން ވިދާޅުވިއެވެ.

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމްކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަަށް ސާބިތުވުމާއި ގުޅިގެންނެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ވިދާޅުވެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    ހަމަ ތިހެން ހަދަން ޖެހޭނީ ... ނުޖެހެ ރައީސް އޭ ކިޔާފަ ފެންވަރުގަ ބައިތިއްބާކައް .... މި ދިވެހި ރާއްޖޭ ސިޔާސީ މީހެއްވިއްޔާ ބަލާނީ އެންމެ މަތީ ފަންތީގަ ބައިތިއްބަން .... ބަލަ އެމީހުންވެސް ޖަލައްލަނީ ޙަތީމް ހިފާގެން ކިޔަވަން އިންދަކާނޫންދޯ ..... ޖަލައްލާ މީހުން ހަމަ ހަމަ ވާން ޖެހޭނެ .... ދެން ޖަލުގަވެސް ެތިބެނީ ހަމަ އިންސާނުން .... ސިޔާސީ މީހުން އެކަންޗެއްނޫން

    11