އދ ގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ، އައި.އޭ.އީ.އޭގެ ވެރިޔާ ޔުކިޔާ އަމާނޯ ކުއްލި ގޮތަކަށް މިއަދު އަވަހާރަ ވެއްޖެއެވެ.

2009 ވަނަ އަހަރު މަގާމާއި ހަވާލުވި ޔުކިޔާ އަމާނޯ އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.

އަމާނޯ ވަނީ ބަލި ހާލަތު ހުރިގޮތުން އަންނަ އަހަރު މާޗް މަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަން މީގެ ކުރިން އިއުލާން ކުރައްވާފައެވެ.

ޖަޕާނަށް އުފަން ޔުކިޔާ އަމާނޯ އައި.އޭ.އީ.އޭ އާއި ގުޅިވަޑައިގަތީ 2005 ވަނަ އަހަރުއެވެ.

އަމާނޯ އަވަހަރަވުމާއި ގުޅިގެން އައި.އޭ.އީ.އޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަމާނޯގެ މޭސްތިރި ކަމުގައި އެއިދާރައިން ވަނީ ގިނަގުނަ ކާމިޔާބީ ތަކެއް ހާސިލުކޮށްފައި ކަމަށާއި އަމާނޯއަކީ ނިއުކިލިޔާ ކަންތަތަކުގައި ތަޖުރިބާކާރެއް ކަމަށެވެ.

އަމާނޯ ވަނީ 2016 ވަނަ އަހަރު އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު އީރާނާއި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ ގެ ގުޅުންތައް މުޅިން އައު މަރްޙަލާއަކަށް ގެންދަން ގިނަ ގުނަ މައްސަކަތްތަކެއް ކުރައްވާފައެވެ.