މިސްރުގައިވާ "ޕިރަމިޑް ގިޒާ" ވަރުގެ ބިޔަ ގިނި ހިލައެއް މިއަދު ދުނިޔެ ހުރަސް ކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނީ 2019 އޭޑީ ގެ ނަމުން ނަންދީފައިވާ މި ގިނި ހިލަ ދުނިޔެ ހުރަސް ކުރާއިރު ހަނދަށް ވުރެން ވެސް ކައިރިވާނެ ކަމަށެވެ. ނަމަވެސް މި ގިނި ހިލައިން އެއްވެސް ނުރައްކަލެއް ދުނިޔެއަށް ނުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ގިނި ހިލަ ދުނިޔެ ހުރަސް ކުރާނީ ދުނިޔެއާއި 200000 މޭލު ދުރުން ސިކުންތަކު 19 ކިލޯމީޓަރު ބާރުމިނުގައެވެ.

ދުނިޔެއަށް ގިނިހިލަ ވެއްޓުމުގެ ހާދިސާތައް ކޮންމެވެސް ވަރަކަށް ހިނގާފައި ވެއެވެ. އެގޮތުން މީގެ މަހެއްހައި ދުވަސް ކުރިން ރަޝިޔާއަށް ވެސް ގިނިހިލައެއް ވެއްޓުނެވެ. އަދި 2013 ވަނަ އަހަރުވެސް ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދަކަށް ގިނިހިލައެއް ވެއްޓުނެވެ. އެ ގިނިހިލަ ވެއްޓުނީ އެ ޤައުމުގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ޝެލިޔަބިންކްސް އަށެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ތަޖުރިބާކާރުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައި ވެދާނެކަމަށާއި، އެހެނަސް އެ ގިނިހިލަ ފެންނާނީ ދެން އިތުރަށް އެކަމުން ސަލާމަތްވާން ފިޔަވަޅެއް އެޅޭވަރަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ.