އިންޑޮނީޝިއާގެ ވެރިކަންކުރާ ޖަކާޓާގެ ބޮޑު ބައެއް، ހީވެސް ނުކުރާހައި ހަލުވިކަމާއެކު އަޑިޔަށްދާތީ އެޤައުމުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެންމެ ނުރައްކާ ބޮޑުވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޖަކާޓާގެ ބޮޑުބައެއް ހިމެނިފައިވާއިރު، ކުރިޔަށް އޮތް 30 ވަރަކަށް އަހަރުގެ ތެރޭގައި ޖަކާޓާގެ ތިންބައި ކޮށްފައި ދެބައި ފެނުއަޑިޔަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ. މިއީ ކުރިން ބެލެވުނު ވަރަށްވުރެ ހަލުވި ރޭޓެއް ކަމުން މިކަމުގެ ނުރައްކާ މިހާރު ވަނީ ޖަކާޓާގައި ދިރިއުޅޭ މީހުންނަށް ދެގުނަ ވެފައެވެ.

ޖަކާޓާގެ އައްސޭރިން މިހާރުވެސް، މީގެ ކުރިން މީހުން އުޅުނު ބައެއް ސަރަޙައްދުތަކަށް ލޮނުއަރައި ފެނުއަޑިޔަށް ގޮސްފައި ވާއިރު، އެ ހިސާބުތަކުގައި ދިރި ނޫޅެވިގެން އެތައް ބަޔަކު ވަނީ އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. ދިރާސާތަކުގެ އަލީގައި ހާމަވާގޮތުގައި، ޖަކާޓާ މިހާރު ދަނީ ކޮންމެ އަހަރަކު ދިހަ ސެންޓިމީޓަރަށް އަޑިޔަށް ދަމުންނެވެ. މިއީ ކަނޑުގެ ލޮނުގަނޑު ހިއްލޭ މިންވަރަށް ބަލައި އެންމެ ހަލުވިކަމާއެކު ޤައުމެއްގެ ބޮޑު ސަރަޙައްދަކަށް އަސަރުކުރާ ރޭޓު ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖަކާޓާ އަޑިޔަށް ގޮސްދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާއިރު އެކަން ޙައްލު ކުރުމަށް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ މިހާރު ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ޖަކާޓާއަށް ލޮނު އަރަމުންދާ އައްސޭރީގެ ސަރަޙައްދުތަކަށް ލޮނުއެރުން ހުއްޓުވުމަށް ބިޔަ ފާރެއް ބިނާކުރުމުގެ މަޝްރޫޢެއް ވިޑޯޑޯ ވަނީ މިދިޔަ ހަފްތާގައި އިއުލާނުކުރައްވާފައެވެ.

މީގެ އެތައް އަހަރެއް ކުރިންވެސް ޖަކާޓާ ފެނުއަޑިޔަށް ދިއުމުގެ ނުރައްކަލާއި ގުޅިގެން އެކަމުން ސަލާމަތްވުމަށް އިންޑޮނީޝިއާގެ ސަރުކާރުން ގިނަ ރޭވުންތައް ރާވާފައި ވެއެވެ. ނަމަވެސް އެކަންކަމުން ދާއިމީ މާބޮޑު ޙައްލެއް ލިބިފައި ނުވާތީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބިޔަ މަޝްރޫޢެއް ނިންމުމަށް މިހާރު އެޤައުމުގެ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އިންޑޮނީޝިއާ އަކީ ގުދުރަތީ ގިނަ ކާރިސާތަކަކާއި ވަރަށް ގިނައިން ކުރިމަތިވާ ޤައުމަކަށްވާއިރު، އެޤައުމަކީ އާދަޔާއި ޚިލާފަށް ގިނައިން ބާރުގަދަ ބިންހެލުންތައް އަންނަ ޤައުމެކެވެ.