ރޫމޭނިޔާގައި ފުލުހުން ފިޔަވަޅު އަޅަން އެތައް އިރެއް ނެގުމުގެ ސަބަބުން އުމުރުން 15 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ރޭޕްގެ ޝިކާރައަކަށް ވަމުން ދިޔަ ކުއްޖާ ފުލުހުންގެ އެހީއަށް އެދި ހޮޓްލައިންއަށް ގުޅާލުމުން ފުލުހުންނަށް އެހީ ފޯރުކޮށްދޭން 19 ގަޑިއިރު ނެގުމުންނެވެ.

މި ހާދިސާ ހިންގިތާ މަދު ހިނދުކޮޅެއްގެ ތެރޭ ރޫމޭނިޔާގެ އެތައް ހާސްބަޔަކު މަގުތަކަށް ނިކުމެ މުޅި ފުލުހުންގެ މުއައްސަސާ އިސްތިއުފާ ދިނުމަށް ވަނީ ގޮވާލާފައެވެ.

މުޒާހަރާއަށް ފަހު ރޫމޭނިޔާގެ ފުލުހުންގެ ވެރިޔާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ރޫމޭނިޔާގެ ބޮޑު ވަޒީރު ވަނީ މިއީ ސަރުކާރުގެ ފެއިލްވުމެއް ކަމަށް ބުނެ އންސާފު ހޯދައިދޭނެ ކަމަށް ބުނެފައެވެ.

މިއީ މިދިޔަ ފަސް މަސް ތެރޭގައި އެގައުމުގައި ހިންގި މިފަދަ ދެވަނަ ހާދިސާ އެވެ. މިދިޔަ ފެބްރުއަރީ މަހުވެސް އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ރޫމޭނިޔާގައި ރޭޕްކޮށް މަރާލާފައި ވެއެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެގައުމުގައި ކުޑަކުދިން ވަގަށް ނަގައި ރޭޕް ކުރުމުގެ މައްސަލަތައް ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާ އިރު 82 އިންސައްތަ އިތުރުވެފަ އެވެ.