ދެކުނު އިންޑިއާގެ މަޝްހޫރު އަންދުރަ ޕްރަދޭޝް ސްޓޭޓްގައި އުފައްދާ ހަޝިޝްގެ ބޮޑު ބައެއް ކެރެލާ މަގުން ރާއްޖެ އަށް އެތެރެކުރާ ކަމަށް ކެރަލާގެ ތަންފީޒީ އިދާރާއެއް ކަމަށްވާ ސްޓޭޓް އެކްސަސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް) އިން ބުނެފިއެވެ.

ކެރެލާގެ ޕަލައްކާޑް ނަމަކަށް ކިޔާ އަވަށުގެ ގެޔަކުން އިއްޔެ 21 ކިލޯގެ ހަޝިޝް އަތުލައިގެންފައިވާ ކަމަށް އެސްއީއީއެސްއާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނެފައިވެއެވެ. އަދި އެއީ ރާއްޖެ އަށް ގެންދަން އުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޓްރިވެންޑްރަމްގައި ރެސްޓޯރަންޓް ވިޔަފާރިކުރާ މަޝްހޫރު މީހެއްގެ ދަރިއެއްގެ އަތުން 2018 ވަނަ އަހަރު 11 ކިލޯގެ ހަޝިޝް އަތުލައިގަތް ހިސާބުން ރާއްޖެއަށް މުދާ ފޮނުވާ ކާގޯ އެޖެންސީއާއަކާ މެދު ޝައްކުވެގެން އެކަން ބަލަމުން އަންނަ އެސްއީއީއެސް އިން ބުނިއިރު އެ ކާގޯ އެޖެންސީ އަކީ ވިޒިންޖަމް ބަނދަރުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ ސަޕްލައިކުރާ ބައެކެވެ.

ޝައްކު އުފެދުނު ރެސްޓޯރަންޓާއި އެކްސްޕޯޓް އެޖެންސީއަށް ފާރަލައި ބެލި އިރު އެ ރެސްޓޯރަންޓަކީ މަސްތުވާތަކެތީގެ ވިޔަފާރި ސިއްރުކުރަން ބޭނުންކޮށްފައިވާ ވިޔަފާރިއެއް ކަމަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް ކަމާބެހޭ އިދާރާތަކުން ރެސްޓޯރަންޓަށް ފާރަލާ ކަމަށް އެތަނުގެ ވެރިންނަށް ޝައްކުވެގެން ފަހުން އެތަން ބަންދުކުރި ކަމަށް އެސްއީއީއެސް އިން ވަނީ ބުނެފައިވެއެވެ.

އެސްއީއީއެސް އިން ދަ ހިންދޫ އަށް ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ފޮރުވާފައި ހުންނަނީ މޭވާ އާއި ތަރުކާރީ އަޅާ ފޮށީގައި އިތުރު ޝީޓުތަކެއް އަޅައިގެން ކަމަށެވެ. އެހެންކަމުން އެކަންކަން ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.

އިންޑިއާގެ އެއްތަނުން އަނެއްތަނަށް މަސްތުވާތަކެތި ގެންދިއުމަށް ދޮރުފަތާއި ވެހިކަލާއި ފިއުލް ޓޭންކާއި ޓަޔަރު ފަދަ ތަކެތީގެ ތެރޭގައި ވެސް ފޮރުވާފައި ހުންނަ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓަގުބޯޓް

    ޓަގުބޯޓަކުން ވަގަކު ފަސޭހައިން ފިއްލަވައިދެވޭނަމަ ކިހާފައްސޭހަވާނެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން. އިންޑިޔާ ރާޑަރުތަކަށް މަސްތުވާތަކެތި އެތެރެކުރާ ބޯޓެއް ފެނިއްޖެއްޔާވެސް ދެން އޯކޭވާނެ، އިންޑިޔާއަށް ފައިދާވާނެތާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން. އަދިވެސް އެމްޑީޕީ ގުންޑާއިން ބާރަށް އަތްޖަހާތި. ޑްރަގް ބޭނުންކުރަނީ ހަމަ އެބައިގަނޑު.

    1
    2