ޗައިނާގެ ސްޕޭސް ސްޓޭޝަނެއްކަމުގައިވާ ޓިއަންގޮންގް 1 ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް އެތެރެވާނެ ކަމަށާއި އަދި އެ ސްޓޭޝަންގެ ބޮޑު ބައި ޖައްވުގެ ތެރޭގައި އަނދައި ހުސްވާނޭކަމަށް ބެލެވުނު ނަމަވެސް ބައެއް ސާމަނު ދުނިޔެއަށް ވެއްޓިދާނޭކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ސްޕޭސް އިންޖިނިއަރިންގް އޮފީސްއިން ވަނީ އެ ސްޕޭސް ސްޓޭޝަނަކީ ސްކައި-ފައި ފިލްމްތަކުގައި ފެންނަ ފަދައިން މީޓިއޮރައިޓްއެއް ނުވަތަ ގިނިހިލައެއް ފަދައިން ދުނިޔެއަށް ވެއްޓި އޭގެ ސަބަބުން ބޮޑު ގޮވުމެއް ގޮވާނޭފަދަ ނުރައްކާތެރި އެއްޗެއްނޫން ކަމަށާއި އެ ސްޕޭސް ސްޓޭޝަނުގެ ސަބަބުން މާ ބޮޑު ނުރައްކަލެއް ނެތްކަމަށްވެސް ބުނެފައެވެ.

ޓިއަންގޮންގް 1 އަކީ 2011 ވަނަ އަހަރު ޗައިނާއިން ލޯންޗުކުރި ސްޓޭޝަނެކެވެ. އެ ސްޓޭޝަނަކީ 2022 ވަނަ އަހަރު ޗައިނާއިން ލޯންޗުކުރުމަށް މަސައްކަތްކުރަމުންދާ އެހެން ޖައްވީ ސްޓޭޝަނެއްގެ ފުރަތަމަ ޕްރޮޓޮޓައިޕްއެވެ. ފަސް އަހަރުވަންދެން ޓިއަންގޮންގް 1 ރަނގަޅަށް މަސައްކަތްކުރިކަމަށް ޗައިނާއިން ހާމަކޮށްފައިވާއިރު އެ ސްޓޭޝަނުގެ ކޮންޓްރޯލް ޗައިނާއަށް ގެއްލިފައިވަނީ 2016 ވަނަ އަހަރުއެވެ.

ޗައިނާގެ އަތުން އެ ސްޓޭޝަނުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ދުނިޔެއަށް އެ ސްޓޭޝަން ވެއްޓޭނެ ވަކި ސަރަހައްދެއްވެސް ކަނޑައެޅުމަށް ވަނީ ދަތިވެފައެވެ. އެގޮތުން ޔޫރަޕްގެ ސްޕޭސް އެޖެންސީ އީ.އެސް.އޭއިން ވަނީ އީކުއޭޓާރ ރޮގުން ދެކުނާއި އުތުރަށް ބޮޑު ސަރަހައްދަކަށް އެ ސްޓޭޝަން ވެއްޓުމުގެ ފުރުސަތު އެބަ އޮތްކަމަށް ބުނެފައެވެ. އީ.އެސް.އޭއިން ކަނޑައެޅި ސަރަހައްދުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭއިރު، އޮސްޓްރޭލިއާ، އާޖެންޓީނާ، އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ ބައެއް ސަރަހައްދުތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށސސސ

    އޭޕްރީލް ފޫލް ދޯ ހިތުން މީ

  2. ްވޭލްޝް

    ތިޔަ ސްޓޭޝަން ނަތަންޔާހޫގެ ބޮލަށް ވެއްޓޭނެނަމަ...