ފިލިޕީންސްގެ ދެކުނު އައްސޭރީގައި އޮންނަ ޖަޒީރާ ރަށަކަށް ލެވެލް ތިނެއްގެ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ އެޤައުމުގެ މިންޑަނައޯ ނަމަކަށްކިޔާ ރަށަކަށް މިރޭ ރާއްޖެ ގަޑިން 21:00 ހާއިރު އެވެ.

ބިންހެލުންތައް މޮނިޓަރ ކުރާ ބައިނަލްއަޤުވާމި އިދާރާއެއް ކަމަށްވާ، ޔޫރަޕިއަން ސެއިސްމޮލޮޖިކަލް ސެންޓަރ އިން ހާމަކޮށްފައިވާގޮތުގައި މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.5 ގެ ބާރުމިނުގައި ބިމުގެ 151 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ ލޮޅުންތައް މިންޑަނައޯގައި ދިރިއުޅޭ ގިނަ ބަޔަކަށް އިހުސާސްކުރެވިގެން ރިޕޯޓްކޮށްފައިވާއިރު، ބިންހެލުމުގެ ސަބަބުން ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުން އައި ވަގުތު މުވާސަލާތީ ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލިޕީންސް އަށް މިރޭ ބިންހެލުމެއް އައިސްފައިވާއިރު، މިއަދު ހަވީރުގެ ވަގުތެއްގައި އިންޑޮނީޝިއާގެ ސުމަޓްރާއަށްވެސް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި އެ ބިންހެލުމާއި އެކު ސުނާމީގެ އިންޒާރުވެސް ނެރެފައިވާއިރު، އޭގެ ދެގަޑިއިރު ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުން އަންނަ ނިސްބަތް އިތުރު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.