އިންޑޮނީޝިއާގެ ސުމަޓްރާއަށް މިއަދު ހަވީރު އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެޤައުމުގެ އައްސޭރީގެ ބައެއް ހިސާބުތަކަށް ދިހަ ފޫޓުގެ ގެއްލުންބޮޑު ސުނާމީއެއްގެ ރާޅުތައް އަރާފާނެ ކަމަށް އިދާރާތަކުން ބުނެފިއެވެ.

މިއަދު އައި ބިންހެލުމާއި ގުޅިގެން އިންޑޮނީޝިއާގެ "އާތްކްއޭކް އެންޑް ސުނާމީ ސެންޓަރ"ގެ ވެރިޔާ، ރަހްމަތު ޓްރިޔޯނޯ ނޫސްތަކުގައި ބުނެފައިވަނީ، ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 7.4 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ ބިންހެލުމުގެ ބާރުމިން ކަމަށް އަލްޖަޒީރާއިން ވެސް ރިޕޯޓްކޮށްފައިވާ ބާރުމިނެވެ.

ރަހްމަތު ބުނެފައިވާ ގޮތުގައި، މި ބިންހެލުމާއެކު އުފެދޭ ސުނާމީގެ ރާޅުތުގެ އުސްމިން ދިހަ ފޫޓަށް އަރާނެ ކަމަށް ބެލެވެއެވެ. އަދި މި އުސްމިނުގެ ރާޅުތަކާއެކު އެޤައުމުގެ ބަންޓެން ޕްރޮވިންސާއި ލަމްޕުންގް ޕްރޮވިންސުގެ ގިނަ ސަރަޙައްދުތަކަށް ސުނާމީގެ ނުރައްކާ، ކުރިޔަށް އޮތް ވަގުތުތަކުގައި އޮތް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސުމަޓްރާއަށް އައި ބިންހެލުމާއެކު، އިންޑޮނީޝިއަން ޖިއޯފިޒިކްސް އޭޖެންސީން މިހާރު ނެރެފައިވާ ސުނާމީގެ އިންޒާރާއެކު، ގެއްލުން ބޮޑު ރާޅުތަކުގެ ނުރައްކާ އޮތުމުން ޖާވާގައި އޮންނަ ބަންޓެންގެ އައްސޭރީގައި ދިރިއުޅޭ އާންމުން ގެދޮރުދޫކޮށް މިހާރު މިހާރަށް އުސް ސަރަޙައްދުތަކަށް ދިއުމަށް އެޤައުމުގެ ޑިޒާސްޓަރ މިޓިގޭޝަން ސެންޓަރުން ވަނީ އަންގާފައެވެ.

އިންޑޮނީޝިއާއަކީ ނިސްބަތުން ދުނިޔޭއަށް އަންނަ އެންމެ ގިނަ ބިންހެލުން އަންނަ އެއް ސަރަޙައްދެވެ. އެޤައުމު އޮންނަ ސަރަޙައްދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި އަލިފާން ފަރުބަދަތައް ގިނަ ސަރަޙައްދެއް ކަމުން، މި ސަރަޙައްދަށް ސައިންސްވެރިން ވަނީ "ރިންގް އޮފް ފަޔާ"ގެ ނަމުން ނަންދީފައެވެ.

މިއަދު އިންޑޮނީޝިއާއަށް ބިންހެލުން އައި ސުމަޓްރާއަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުންވެސް އައި ސަރަޙައްދެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައި އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 9.1 އާއި 9.3 އާއި ދެމެދުގެ ބާރުމިނެއްގައި އައި އެ ބިންހެލުމާއި އެކު އުފެދުނު ސުނާމީގައި، ރާއްޖެ އާއި ސަރަޙައްދީ އެހެން ޤައުމުތަކުގެ މީހުން ހިމެނޭހެން 227000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓެރޭ

    ހަމަ ބިންހެލިލާއިރައް ސުނާމީ އަރާނެޔޭ ގޮވާނެ ދުވަހަކު ދިމާ ނުވޭ މިނިކަމެތި އިންސާނުންނަށް ކޯޗެއްތަ އެނގޭނީ
    ކުރީ ފަހަރު ސުނާމީ.އެރީމާ އެމެރިކާ ރައިސް ގޮވާލީ ކޮންމެވެސް ވޯނިންގް ސިސްޓަމް ނެތީމަޔޯ އެހާގެއްލުންވީ އަނެއްދުވަހު އެމެރިކާގެ އެތަކެއް އަވަށެއް އޮތީ ފެނުއަޑިގަ ސިސްޓަމް ބަރާބަރު .

    7
    2