އެމެރިކާގެ ސިޓީއެއް ކަމަށްވާ ލެޒިންގްޓަންގައި ހުންނަ އެމޭޒަންގެ ފުލްފިލްމަންޓް ސެންޓަރަށް ގެންދިޔަ ޕާރުސަލަކުން ދުން އަރާތީ އެވަގުތު މަސައްކަތްކުރަން ތިބި އެމޭޒަންގެ ގިނަ އަދަދެއްގެ މުވައްޒަފުން އެތަނުން ނެރެ، އިމާރާތް ހުސްކޮށްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން ލެޒިންޓަންގެ ކަމާއި ބެހޭ އިދާރާތައް ވަގުތުން އެލާޓަށް ގެނެސްފައިވާއިރު، އެ ސެންޓަރާއި، ސެންޓަރު ހުންނަ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި އެމޭޒަންގެ އިމާރާތެއްގެ ތެރޭގައި ހުރި ޕާރުސަލެއްގެ ތެރެއިން ދުން އަރަމުންދާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާއިރު، އެ ދުމުގެ އަސަރުކުރި މުވައްޒަފުންނަށް ސިއްޙީ ހާލަތުތައް މެދުވެރިވެގެން ސިއްޙީ ފަރުވާ ހޯދާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެއިން ބައެއް މުވައްޒަފުންގެ ލޮލަށް ދުމުގެ އަސަރުކޮށްގެން ވެސް ފަރުވާދީފައިވާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެމޭޒަންގެ އޮފިޝަލަކު ބުނެފައިވަނީ، ދުން އަރާފައިވަނީ އެމޭޒަނުން ޑެލިވަރީކުރުމުން އަނބުރާ އެ ސެންޓަރަށް ގެންދެވުނު ޕާރުސަލަކުން ކަމަށެވެ. ނަމަވެސް އޭގެތެރޭގައި ހުރީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށާއި، ދުން އަރަން ފެށުމުން އިމާރާތުން މުވައްޒަފުން ހުސްކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެވުނު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ލެޒިންޓަންގެ ފަޔާ ޑިޕާޓްމަންޓާއި ފުލުހުންގެ އިތުރުން އެނޫންވެސް ކަމާއި ގުޅުންހުރި އިދާރާތަކުގެ އޮފިޝަލުން ސެންޓަރު ހުރި ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު، ދުން އަރަމުންދާ ޕާރުސަލާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އެ ޕާރުސަލް އަދިވެސް އިނީ ފުލްފިލްމަންޓު ސެންޓަރުގެ ތެރޭގައެވެ.