އިނގިރޭސި ސިފައިން އިންޑިއާގައި ތިބި އިރުން ފެށިގެން ހުރި ގެރި ކޮޓެއް ހިމަޔާތް ކުރުމަށް އިންޑިއާގެ ސިފައިން 280 ކުރޯޑް ރުޕީސް ހަރަދު ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ސިފައިންގެ މަރުކަޒު ތަކުގައި ގެރި ކޮށިތަށް ގެންގުޅުމަކީ މީގެ 100 އަހަރު ކުރިން ފެށިގެން ކުރަމުން އަންނަ ކަމެކެވެ. މި ގެރި ކޮށިތަކުގައި 1500 އަށް ވުރެން ގިނަ ގެރި ހިމެނެއެވެ.

އަދި މީގެ މަސްތަކެއް ކުރިން އިންޑިއާގެ އަސްކަރީ މަރުކަޒު ތަކުގެ ކައިރީގައި ހުރި ގިނަ އަދަދެއްގެ ގެރިކޮށިތަކެއް އިންޑިއާގެ ދިފާއީ ވުޒާރާގެ އެންގުމަށް ވަނީ ބަންދު ކޮށްފައެވެ.

ނަމަވެސް އިތުރު ގޮތެއް ނެތިގެން ގެރިތައް އަނެއްކާވެސް ބަލަން ޖެހި އިންޑިއާގެ ސިފައިންގެ ބަޖެޓުން ވަނީ 280 ކަރޯޑް ރުޕީސް މިހާރު ހަމަޖައްސާފައެވެ.

އިންޑިއާގެ ވެރިކަމުގައި މިހާރު އޮތް ހިންދޫ ވަތަނީ ޕާޓީ، ބީޖޭޕީގެ ލީޑަރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ގެރި ހިމާޔަތް ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވެއެވެ. ގެރި ކަތިލުން މުޅި އިންޑިއާގައި މަނާކުރުމަށް ހިންދޫ ހަރުކަށި ގްރޫޕްތަކުން ބޮޑުވަޒީރަށް ފިއްތުންތައްވެސް ކުރިމަތި ކުރަމުން ގެންދެއެވެ.

ގެރިމަސް ކެއުމާއި ގެރިކަތިލުމާއި އަދި ގެރި ވަގަށް އެތެރެކުރުން ނުވަތަ ބޭރުކުރުމުގެ ތުހުމަތުކޮށް ގެރީގެ ހިމާޔަތުގައި ކަމަށްބުނެ ރަށުތެރެއަށް ނުކުމެގެން އުޅޭ ހިންދޫ ހަރުކަށި ގްރޫޕްތަކުން ހަމަލާދީ މިހާތަނަށް އެތައް މުސްލިމުން މަރާލާފައި ވެއެވެ. މިފަދަ ގްރޫޕްތަކަށް ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ނޯންނަ ކަމަށް ބުނެ އެތައް ބައެއްގެ ނުރުހުންވެސް މައި ސަރުކާރަށް އަމާޒުވެފައި ވެއެވެ.