އިންޑޮނީޝިއާގެ ސުމަޓްރާއަށް އިއްޔެ ހަވީރު އައި ބާރުގަދަ ބިންހެލުމުގައި އެކަކު މަރުވެ ގިނަ އަދަދެއްގެ އިމާރަތްތަށް ބިމާ ހަމަވެއްޖެއެވެ.

މި ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 7.4 އަށް އަރާނެ ކަމަށް އިންޑޮނޭޝިއާގެ އިދާރާތަކުން ބުނާއިރު މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރުވެސް ދިނެވެ. ނަމަވެސް ފަހުން ވަނީ އުވާލާފައެވެ.

ބިންހެލުމަށް ފަހު 24 ގަޑިއިރު ފަހުން ލިބެމުންދާ ރިޕޯޓްތަށް ބުނާ ގޮތުގައި އިންޑޮނޭޝިއާގެ ސުމަޓްރާ އަވަށުގެ އެކި ހިސާބުތަކުގައި ހުރި ގިނަ އަދަދެއްގެ އިމާރަތްތައް ވަނީ ބިމާ ހަމަވެފައެވެ. ބިންހެލުމުގައި އިމާރަތްތައް ހެލުނު ބާރު ކަމުން އެކަކު ހާޓް އެޓޭކެއް ޖެހި މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނީޝިއާއަކީ ނިސްބަތުން ދުނިޔޭއަށް އަންނަ އެންމެ ގިނަ ބިންހެލުން އަންނަ އެއް ސަރަޙައްދެވެ. އެޤައުމު އޮންނަ ސަރަޙައްދަކީ ކަނޑުއަޑީގެ ފަރުބަދަތަކާއި އަލިފާން ފަރުބަދަތައް ގިނަ ސަރަޙައްދެއް ކަމުން، އެ ސަރަޙައްދަށް ސައިންސްވެރިން ވަނީ "ރިންގް އޮފް ފަޔާ"ގެ ނަމުން ނަންދީފައެވެ.

އިއްޔެ އިންޑޮނީޝިއާއަށް ބިންހެލުން އައި ސުމަޓްރާއަކީ މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުންވެސް އައި ސަރަޙައްދެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައި އެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 9.1 އާއި 9.3 އާއި ދެމެދުގެ ބާރުމިނެއްގައި އައި އެ ބިންހެލުމާއި އެކު އުފެދުނު ސުނާމީގައި، ރާއްޖެ އާއި ސަރަޙައްދީ އެހެން ޤައުމުތަކުގެ މީހުން ހިމެނޭހެން 227000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.