އެފްރިކާގެ ކޮންގޯގައި އެބޯލާ ހަލުވި ކަމާއި އެކު ފެތުރި 24 ގަޑިއިރުތެރޭ 2 ވަނަ މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނިގޮތުގައި އެ ވައިރަސް ޖެހިގެން މިހާތަނަށް 2 މީހަކު މަރުވެފައިވާ ކަމަށާއި މިހާތަނަށް 11 މީހަކު އެބޯލާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެބޯލާ އަކީ ވަރަށް މަދު އެކަމަކު ފުރާނައަށް ނުރައްކާ ވައިރަހެކެވެ.
މިވައިރަހުގެ ސަބަބުން އިންސާނާގެ އެތެރެހަށްޓާއި ބޭރުފުށަށް ލޭފައިބާ ގޮތްވެއެވެ. ހަށިގަނޑުގައި މިވައިރަސް ފެތުރި ގިނަވާ ވަރަކަށް ހަށިގަނޑުގެ ދިފާއީބާރު ދެރަކޮށް ބަލިކޮށްލައި އަދި ގުނަވަންތަކަށް ގެއްލުންތައް ދޭންފަށައެވެ. ލޭގަނޑުކޮށް މަނާކޮށްދޭ ސެލްތަކުގެ ބާރު ދެރަކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން މަނާނުވެ ލޭފައިބަން ފުރުސަތު ދެވެ އެވެ.

ކޮންގޯގައި އެބޯލާ ފެތުރެމުންދަނީ އެކަހެރިކޮށް އޮންނަ އެ ގައުމުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ލިކާޓީގައި ކަމަށާއި ވެރިރަށް ކިންޝާސާއިން އެ ސަރަހައްދަށް ފޯރުމަށް ދެގަޑި ތިންގަޑިއިރު ހޭދަވާނެ ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ފަހުގެ ތާރީޚެއްގައި އެބޯލާ ވައިރަސް އެންމެ ބޮޑަށް ފެތުރިގެން ދިޔައީ 2013 ން 2016 އަށް ގިނީ އާއި ސިއެރަ ލިއޯން އަދި ލައިބީރިއާގައެވެ. އެފަހަރު 28،000 މީހުންނަށް މި ވައިރަސް ޖެހުނު ކަމަށް ރެކޯޑް ކުރެވުނު އިރު ބަލީގައި 11،000 މީހުން މަރުވިއެވެ.

އެބޯލާ ވައިރަހަށް ބޭނުން ކުރެވޭ އެކްސްޕެރިމެންޓަލް ވެކްސިން އެއް ވަނީ ތައާރަފް ކުރެވިފައެވެ. މި ވެކްސިން ކާމިޔާބު ކަމަށް ޓެސްޓް ތަކުން ހާމަވެފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯ އާއި ކޮންގޯ ސަރުކާރުން މިހާރު ގެންދަނީ ވައިރަސް އުޅޭ ސަރަހައްދުގައި މަސައްކަތް ކުރަމުންނެވެ.