އެމެރިކާގެ އެލް ޕަސޯގައި ރޭ ބަޑި ހިފައިގެން މީހަކު ސްޕަމާކެޓަކަށް ވަދެ ދިން ހަމަލާގައި 20 މީހަކު މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.

ވޮލްމާޓްގެ ސްޕަމާކެޓަކަށް ވަދެ ދިން ހަމަލާގައި ވަނީ 26 މީހަކު ޒަހަމްވެފައެވެ. ސްޕަމާކެޓް ތެރޭގައި ހަމަލާ ދިނީ ގްރޫޕަކުން ކަމަށް ފުރަތަމަ މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް މިހާރު ކަށަވަރު ވެފައިވާ ގޮތުގައި ހަމަލާ ދިނީ އެންމެ މީހެކެވެ. ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ ވެރިޔާ ވިދާޅުވީ ހަމަލާ ދިނީ ކޮން ސަބަބަކާއި ގުޅިގެން ކަން އަދި ސާފުނުވާ ކަމަށާއި ނަމަވެސް ބެލެވޭ ގޮތުގައި މިއީ ކޮންމެވެސް ކަމަކާއި ހަސަދަވެރިވެގެން ދިން ހަމަލާއެއް ކަމަށެވެ.

ހަމަލާގައި މަރުވި މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް މެކްސިކޯ ސަރުކާރުން ބުނީ އެގައުމުގެ ހަ މީހަކު ހަމަލާގައި މަރުވެފައިވާ ކަމަށެވެ. މެކްސިކޯގެ ރައީސް މެނުއެލް ލޮޕޭޒް ވަނީ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

މިހަމަލާ ދީފައި ވަނީ ޕެޓްރިކް ކްރޫސަސް ނަމަކަށް ކިޔާ މީހެއް ކަމަށް މީޑިއާތަކުން ބުނެއެވެ. އޭނާ އަކީ އެމެރިކާގެ ޑަލަސްއަށް ނިސްބަތްވާ މީހެކެވެ.

ބަޑިން ހަމަލާދީ މީހުން މެރުމަކީ އެމެރިކާގައި އާއްމު ކަމެކެވެ. ބަޑި ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ކުރީގެ ބައެއް ރައީސުން މަސައްކަތް ކުރެއްވި ނަމަވެސް އެކަމަށް ކޮންމެ ފަހަރަކު ވެސް ހުރަސް އަޅަނީ ހަތިޔާރު އުފައްދާ ބޮޑެތި ކުންފުނިތަކުންނެވެ. އެކުންފުނިތަކަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ކުންފުނިތަކެކެވެ.