އޯޝަނިއާގެ ޤައުމެއް ކަމަށްވާ ޓޮންގާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެޤައުމަށް އައި މި ބިންހެލުމުގެ އަސަރު އެޤައުމާއި ކައިރީގައި އޮންނަ ފިޖީއަށްވެސް ވަނީ ކޮށްފައެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާއެއް ކަމަށްވާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި ޓޮންގާއަށް މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައިވަނީ އެޤައުމުގެ ބިމުގެ 80 ކިލޯމީޓަރު އަޑިންނެވެ.

މިއަދު ޓޮންގާއަށް އައި މި ބިންހެލުމާއި ގުޅިގެން އެޤައުމުގެ ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގެ ލޮޅުމުގެ އިހުސާސު ކުރެވިގެން ގިނަ ބަޔަކު ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފައެވެ.

މިއަދު ޓޮންގާއަށް ބާރުގަދަ ބިންހެލުމެއް އައިއިރު، އިއްޔެ ޖަޕާނަށް ވަނީ ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އަދި މިދިޔަ ހުކުރު ދުވަހު އިންޑޮނީޝިއާގެ ސުމަޓްރާއަށްވެސް ބާރުގަދަ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 6.9 އަށް އަރައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް ވަނީ ގިނަވެއެވެ. މިއީ ދުނިޔެ ކުރިން ނުދެކޭހައި ވަރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ އެންމެ ފަހުގެ "ސިގްނަލް" ކަމަށް ސައިންސްވެރިން ބުނެއެވެ.