އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ނިރުބަވެރިއެއް (ޓެރަރިސްޓެއް) ކަމަށާއި އިސްރާއީލަކީ ނިރުބަވެރި ކަމުގެ (ޓެރަރިޒަމްގެ) އެތައް ޖަރީމާއެއް ހިންގަމުން އަންނަ ނިރުބަވެރި ގައުމެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދޮގާން ވިދާޅުވެއްޖެއެވެ.

އުރުދޮގާން މިހެން ވިދާޅުވީ މިހާރު ސީރިއާގެ އަފްރިން ސަރަހައްދުގައި ތުރުކީ ސިފައިން ހިންގަމުން ގެންދާ އަސްކަރީ އޮޕަރެޝަނާއި ބެހޭ ގޮތުން ނަތަންޔާހޫ ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ވެރިކަން ކުރާ އޭކޭ ޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން އުރުދޮގާން ވިދާޅުވީ "ނަތަންޔާހޫ ކަލެއަކީ ނިރުބަވެރިއެއް. ކަލޭގެ ގައުމަކީ ނިރުބަވެރިކަމުގެ ޖަރީމާތައް ހިންގަމުން އަންނަ ނިރުބަވެރި ގައުމެއް." ކަމަށެވެ.

އުރުދޮގާން ވިދާޅުވީ އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން ކޮންމެ ދުވަހަކު ހިންގަމުން ގެންދަނީ ނިރުބަވެރިކަމުގެ އަމަލުތަކެކެވެ.

ފަލަސްތީންގެ ބިމުގެ ދުވަސް ފާހަގަ ކުރަން ހުކުރު ދުވަހު ޣައްޒާގައި ބޭއްވި އެއްވުމެއްގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑި ޖެހުމުން ވަނީ ފަލަސްތީންގެ 17 މީހަކު ޝަހީދުވެ 1500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައެވެ.

އިސްރާއީލުން ފަލަސްތީންގެ ގިނަ ބަޔަކު ޝަހީދުކޮށްލާ ގިނަ ބަޔަކު ޒަހަމްކޮށްލުން އުރުދޮގާން ވަނީ ހޮނިހިރު ދުވަހު އެކަން ކުށްވެރި ކުރަށްވާ ބަޔާނެއް ދެއްވާފައެވެ. ހޮނިހިރު ދުވަހު އުރުދޮގާން ވިދާޅުވީ އިސްރާއީލް ސަރުކާރުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

ހުކުރު ދުވަހު މުޒާހަރާ ކުރި ފަލަސްތީން ރައްޔިތުން ގޮވާލާފައި ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީންގެ ބިންތަކުން ފޭބުމަށާއި އަމިއްލަ ވަޒަރުން ބޭރުކޮށްލާފައިވާ ފަލަސްތީންގެ ރެފިއުޖީންނަށް އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި އައުމަށް ފުރުސަތު ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙުމަދު

    ސާބަހޭ ދަރިޔާ! ތިޔައީ އިސްލާމީ ޒަޢާމަތަށް ފަތުރާލި ތޫނުކަނޑިއެއް. ހިއްވަރުގަދަ

    ބަތަލެއް. ކެރޭ ވެރިއެއް. ކޮބާ ދެންތިބި ޤައުމުތަކަުގެ ވެރިން؟ ނިދާފަދޯ؟

  2. އަޙުމަދު

    އަދި މަށަށް އެންމެ ދެރައީ މިފަދަ މުހިއްމު ކަމަކަށް ކޮމެންޓެއްވެސް އަޅުގަނޑުމެންގެ ތެރޭން ނުފެންނާތީ.

  3. ނަތަންޔާހޫ

    ތުރުކީދެންދާނީ ފަހަތަށް، ދުވަސްކޮޅަކުން، ސޫރިޔައަށްވީގޮތަށް ތުރުކީ ފަނާކޮށްލާނެ! އަދި އެކަން ކުރާނީވެސް ތުރުކީމީހުން!