ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ އިރާނުގެ ސަރުކާރުން ސޯޝަލް މީޑިޔާ އެޕްލިކޭޝަން ޓެލެގްރާމް ބްލޮކް ކުރުމަށް ނިންމައިފިއެވެ.

އިރާނުން ވަނީ ޓެލެގްރާމް ބްލޮކްކުރުމަށްފަހު އެއާއި އެއްގޮތް އެހެން އެޕްލިކޭޝަންއެއް ތައާރަފްކުރާނޭކަމަށް ހާމަކޮށްފައެވެ. އިރާނުގެ ޕާލިމެންޓުން އެގޮތަށް ނިންމާފައިވާކަމަށް އިއުލާންކޮށްފައިވަނީ ރޭޑިއޯ އިންޓަވިއުއެއް މެދުވެރިކޮށެވެ. އިރާނުގެ ސަރުކާރުގެ އިސްވެރިން ވަނީ އެގައުމުގެ ސޮރޫޝް ފަދަ އަމިއްލަ ސޯޝަލް މީޑިޔާ އެޕްލިކޭޝަންތައް ޓެލެގްރާމް ބްލޮކްކުރުމަށްފަހު އާންމުންގެ މެދުގައި މަގުބޫލުވެގެންދާނޭކަމަށް އުންމީދުކުރާކަމަށް ބުނެފައެވެ.

ޓެލެގްރާމްގެ އިސް ވެރިން ވަނީ އިރާނުން އެ އެޕްލިކޭޝަން ބްލޮކް ކުރަން ނިންމާފައިވަނީ އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރެވޭ މުޒާހަރާތައް ރޭވުމަށް އެ އެޕްލިކޭޝަން ބޭނުންކުރެވޭތީކަމަށް ބުނެފައެވެ. ޓެލެގްރާމްއާއި އެއްގޮތަށް އިރާނުން ވަނީ އިންސްޓަގްރާމްވެސް އެ މުޒާހަރާތަކާއި ދިމާކޮށް ބްލޮކްކޮށްފައެވެ. އިރާނުގެ ބައެއް އާންމުން ވަނީ އެންކްރިޕްޓްކުރެވިފައިވާ ޓެލެގްރާމްފަދަ އެޕްލިކޭޝަންތައް ބްލޮކްކޮށް އިރާނުގެ ސަރުކާރުން ހުއްދަދީފައިވާ އެޕްލިކޭޝަންތައް އެކަނި ބޭނުންކުރުމަށް ބާރުއަޅާތީވެ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޓެލެގްރާމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 މިލިއަނެއްހާ މީހުން ބޭނުންކުރާ މަގުބޫލު އެޕްލިކޭޝަނެކެވެ. ޓެލެގްރާމްއާއި ދެކޮޅަށް ރަޝިޔާގެ ޖާސޫސީ އެޖެންސީ އެފް.އެސް.ބީއިންވެސް ވަނީ މީގެ ކުޑަ ދުވަސްކޮޅެއްކުރިން މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގެ ދަށުން އެފް.އެސް.ބީއިން ވަނީ ޓެލެގްރާމް ބޭނުންކޮށްގެން ފޮނުވޭ ހުރިހާ މެސެޖެއް ޑީކްރިޕްޓްކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމަށް ކޯޓުގައި އެދިފައެވެ.

އެފް.އެސް.ބީގެ އެދުންތަކާއި އެއްގޮތަށް ކޯޓުން ހުކުމްކޮށްފައިވާއިރު އެހާ ހިސާބުން ޓެލެގްރާމް ބޭނުންކޮށްގެން ކުރެވޭ ހުރިހާ މެސެޖެއްވެސް ޑީކްރިޕްޓްކުރުމުގެ ބާރު ރަޝިޔާއަށް ލިބިގެންދާނެއެވެ. ޓެލެގްރާމްއާއި ދެކޮޅަށް އެ މައްސަލައިގައި ރަޝިޔާގެ ކޯޓުން ހުކުމްކުރިނަމަވެސް ޓެލެގްރާމްގެ އޮފިޝަލުން ވަނީ އެ ހުކުމް އިސްތިއުނާފްކުރުމަށް ހުށަހަޅާނޭކަމަށް ބުނެފައެވެ.