އެފްރިކާގެ ގައުމެއް ކަމަށްވާ ބްރުންޑީގައި މިއަހަރު މިހާތަނަށް 5.7 މިލިއަން މީހުންނަށް މެލޭރިއާ ޖެހިފައިވާ ކަމަށާއި އަދި މިއަހަރު މިހާތަނަށް މެލޭރިއާ ޖެހިގެން ބްރުންޑީ އިން މަރުވި މީހުންގެ އަދަދު 1800 އަށް ވުރެ ގިނަ ކަމަށް އދ.ގެ އިންސާނީ އެހީތެރިކަމާއި ބެހޭ ޖަމާޢާތުން ބުނެފިއެވެ.

އދ.ގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް އިން މިއަދު އާއްމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ބްރުންޑީގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ މިއަހަރު މެލޭރިއާ ޖެހިފައެވެ.

ބްރުންޑީ އަކީ އެފްރިކާގެ "ގްރޭޓް ލޭކް" ސަރަހައްދަށް ނިސްބަތްވާ ގައުމެކެވެ. އެސަރަހައްދުގެ ގިނަ ގައުމުތަކަށް ފެތުރިފައި އޮންނަ ކޯރެއްގެ ސަބަބުން މަަދިރީގެ އުނދަގޫ ވަރަށް ބޮޑުވެއެވެ.

އދ.އިން ބުނީ ބްރުންޑީގައި މެލޭރިއާ ފެތުރުން ކޮންޓްރޯލް ކުރަން ވަރަށް ގިނަ ދަތިތައް ދިމާވެފައިވާ ކަމަށެވެ. "މެލޭރިއާ ފެތުރުން ކޮންޓްރޯލް ކުރަން އިންސާނީ ވަސީލަތާއި ލޮޖިސްޓިކް ވަސީލަތްތައް ވެސް އެކަށީގެންވާ ގޮތެއްގައި ލިބޭކަށް ނެތެވެ. އަދި ހާއްސަކޮށް މިފަދަ ބޮޑު މަސައްކަތެއް ކުރެވޭ ވަރުގެ މާލީ ގާބިލްކަމެއް ވެސް ބްރުންޑީގައި ނެތެވެ." އދ.ގެ ރިޕޯޓްގައި ބުންޏެވެ.

2017 ވަނަ އަހަރު ވެސް ބްރުންޑީގައި ވަރަށް ހަލުވިކަމާއި އެކު މެލޭރިއާ ފެތުރުނެވެ. އެއަހަރު އެގައުމުގެ 1.8 މިލިއަން މީހުންނަށް މެލޭރިއާ ޖެހި 700 އަށް ވުރެ ގިނަ މީހުން އެބަލީގައި މަރުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ބުނާ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ އެކި ސަރަހައްދުތަކުން 220 މިލިއަން މީހުންނަށް މެލޭރިއާ ޖެހުނެވެ. އޭގެ ތެރެއިން ބައި މިލިއަނެއްހާ މީހުން މެލޭރިއާ ޖެހިގެން އެއަހަރު މަރުވިއެވެ. މެލޭރިއާ ޖެހޭ މީހުންގެ 90 އިންސައްތަ މީހުން ނިސްބަތްވަނީ އެފްރިކާގެ ގައުމުތަކަށެވެ.