އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ދެކުނު ސަރަޙައްދުތަކުގައި އިންޑިޔާގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަމުން އެބަދެއެވެ. މި މުޒާހަރާތައް ފަށާފައިވަނީ އިންޑިޔާގެ އަސްކަރިއްޔާއިން، 12 މީހަކު މަރާލުމާ ގުޅިގެންނެވެ.

ބައިނަލްއަޤުވާމީ ޚަބަރުތައް ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ކަޝްމީރުގެ ދެކުނުގެ ސަރަޙައްދުތަކުން ފެށިފައިވާ މުޒާހަރާތައްވަނީ އެހެން ސަރަޙައްދުތަކަށްވެސް ފެތުރެން ފަށާފައެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުންނަމުންދާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ބައެއް ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ކުރިމަތިލުންތަކަށް ބަދަލުވަމުންދާއިރު، ބައެއް ފަރާތްތަކަށް އަނިޔާވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ "އަލް ޖަޒީރާ" އިން ބުނެފައިވެއެވެ. މުޒާހަރާތައް ކޮންޓްރޯލްކުރާ އިންޑިޔާގެ ފައުޖުތަކުން، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެލެޓު ވަޒަން ދަނީ ބޭނުންކުރަމުންނެވެ. އޭގެތެރެއިން ބައެއް ފަރާތްތަކުގެ ލޮލަށް ޕެލެޓުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެސް ލިބިފައިވެއެވެ.

މި މުޒާހަރާތަކުގެ ސަބަބުން ދެކުނުގެ ސަރަޙައްދުތަކުގައި ވިޔަފާރި ކުރުމަށްވެސް ބުރޫ އަރާފައިވާއިރު ބޮޑު ސަރަޙައްދަކުންވަނީ މޯބައިލް އިންޓަނެޓުގެ ޚިދުމަތްވެސް ކަނޑާލާފައެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދުވެސް ޒަމާންވީ ދެބަސްވުމެއް އޮންނައިރު، މި އަހަރު ފެށުނީންސުރެ، ކަޝްމީރުގެ މަޝްރަހުވެސްވަނީ ހޫނުވެފައެވެ. ޚާއްޞަގޮތެއްގައި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިޔާގެ ފައުޖުތަކުން ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ޣަޒްވާއޭ ހިންދު ގާތް ވެއްޖެ