މިޖީލުގައި ދުނިޔޭގައި މިހާނަތަށް އުފެދުނު އެންމެ މޮޅު ސައިންސްވެރިޔާ އަދި ތިއޮރޮޓިކަލް ފިޒިސިސްޓް ސްޓީވެން ހޯކިންގްގެ ޖަނާޒާ ބާއްވައިފިއެވެ،

އުމުރުން 76 އަހަރުފުޅުގައި ސްޓީވެން ދުނިޔެ ދޫކުރެއްވީ މިދިޔަ މާރޗު މަހުގެ 14 ގައެވެ. ސްޓީވެން ދުނިޔެ ދޫކުރެއްވި އިރު އޭނާ އަކީ ސައިންސާއި ޓެކްނޮލިޖީގެ ރޮގުން ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނެސްދިން މޭސްތިރިއެވެ.

ސްޓީވެންގެ ޖަނާޒާ ބާއްވާފައި ވަނީ ކޭމްބްރިޖް ޔުނިވާސިޓީގައި ހުންނަ "ގްރޭޓް އެސްޓީ މެރީސް"ގައެވެ. އެ ޖަނާޒާގައި ސްޓީވަންގެ 500 އަށް ވުރެއް ގިނަ އާއިލާ މެންބަރުން ބައިވެރިވެފައި ވެއެވެ.

އާއިލާގެ އިތުރުން ސްޓީވެންގެ ޖަނާޒާގައި އޭނާގެ ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރި މީހުންގެ އިތުރުން ސްޓީވެންގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ފިލްމު "ދަ ތިއޯރީ އޮފް އެވްރީތިންގް" ގެ އެކްޓަރު އެޑީ ރެޑްމޭން ވެސް ބައިވެރިވެފައި ވެއެވެ.

އަންނަ ޖޫން މަހު 15 ގައި ސްޓީވަންގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައިވާއިރު އޭނާގެ ހަށިގަނޑު ވަޅުލާނީ ލަންޑަންގެ ވެސްޓްމިނިސްޓާ އެބޭގައި އެވެ. އޭނާ ވަޅުލުމަށް ހަމަޖެހިފައި ވަނީ 1727 ގައި ދުނިޔެ ދޫކުރި ކުޅަދާނަ ސައިންސުވެރިޔާ އިސާކް ނިއުޓަންގެ މަހާނައާއި ޖެހިގެންނެވެ.

ވަރަށް ޅައުމުރުގައި ނުރައްކާތެރި ނާރުގެ ބައްޔެއް ޖެހުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ޕެރެލައިޒުވެ ހަރަކާތްތެރިވެ ނޫޅެވޭގޮތް މެދުވެރިވެފައިވާ ސްޓީވަން އަކީ ބަލި ހާލުގައިވެސް މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަން ސާބިތުކޮށްދިން ކުޅަދާނަ ސައިންސްވެރިއެވެ.

ސްޓީވެން ހޯކިންގް އެންމެ މަޝްހޫރުވެފައި ވަނީ ކާއިނާތުގެ ތެރޭގައި ކަންކަން ހިނގާގޮތް އަންގައިދުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ ވަނީ ބްލެކް ހޯލާއި ބެހޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެއްވާފައެވެ.