ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ހާރިޖީ ގުޅުން ދަށްކޮށްލައިފިއެވެ.

ޕާކިސްތާނުން މިގޮތަށް ނިންމީ އެ ގައުމުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެ ގައުމުގެ ބޮޑު ވަޒީރު އިމްރާން ޚާން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އިންޑިއާއާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް އަލުން ރިވިއު ކުރާށާއި، އިންޑިއާގެ ނިންމުން އދ އަށް ހުށަހެޅުމަށްވެސް ނިންމިއެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ދެންމެ ގައުމާއި މުހާތަބު ކުރައްވާ ދެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ، އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގުޅުން ސަސްޕެންޑްކޮށްފައިވާކަމަށެވެ.

ޕާކިސްތާނުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ސަސްޕެންޑް ކުރަން ނިންމިއިރު ޕާކިސްތާނާއި އިންޑިއާގެ ދެމެދުގައި މިދިޔަ އަހަރު ވެސް 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ. ދެގައުމުގެ ގުޅުން އާއްމުގޮތެއްގައި ރަނގަޅު ނޫން ނަމަވެސް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މުދާ އިންޑިއާ އިން ޕާކިސްތާނަށް އެތެރެ ކުރެއެވެ. އެހެންކަމުން ވިޔަފާރީގެ ގުޅުން ސަސްޕެންޑް ކުރުމުގެ ގެއްލުން ބޮޑުވާނީ އިންޑިއާއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އިންޑިއާގެ ޤާނޫނު އަސާސީގައި ކަޝްމީރަށް ވަކި ގާނޫނުއަސާސީއަކާއި ދިދައެއް އަދި ވަކި ގާނޫނުތަކެއް ހެދުމުގެ އިހްތިޔާރު ދީފައިއޮވެއެވެ. ނަމަވެސް ޚާރިޖީ ގުޅުންތަކާއި ދިފާއީ ކަންކަމާއި މުއާސަލާތީ ހިދުމަތް ފަދަ ކަންކަން އޮންނަނީ މައި ސަރުކާރުގެ ކޮންޓްރޯލްގަ އެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

މިބަދަލާއި ކަޝްމީރުގެ މުސްލިމުން ގެންދަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަގުބެ (އަދީބުރޯ)

    ސޭހުންނޭވެ، ލާދީނީ ކިޔަނީ އިސްލާމްދީނަށް ނަސްރު ނުދީ އިސްލާމުންނަށް ދެރަގޮތް ވުމަށް އަމަލާއި ބަހުން އަތުކުރިއޮޅާގެން ތިބެ މުސްލިމުންނާއި ހިތް ހެޔޮނުކުރާ މީހުން ނޫންތޯ؟ މުސްލިމުންނަކީ އަހުންތަކެއް؟ ވީއިރު އިންޑިޔާ މުސްލިމުންނަށް ދެރަގޮތް އެދޭނީ ލާދީނީ މީހުން ނޫންތޯ؟ އެހެންވީމާ މިސަރުކާރު ލާދީނީ، އަދި އެމްޑީޕީ ލާދީނީ ނުވެ ސަލާމަތް ވާނެތޯ؟ ދެން އަތްޖަހާ

    21
    1
  2. ކަރާޗީ

    ހަނގުރާމަ ފަށަނީނަމަ އިންޑިއާގެ ދިއްލީއަށް ހަމަލާ އަމާޒު ކުރުމަކީ އެދެވިގެންވާކަމެއް އަދި އެހަމަލާ ވަރުގަދަކުރުން ވެސް އެދެވިގެންވޭ އެއީ މުސްލިމުންނަށް ގޯނާ ކުރުމުގައި ހައްދުންނެއްޓިފައި ތިބި ބުއްދާއިންގެ ކިއްލާ އަކަށް ވާތީ ނަތީޖާއެއް ނެރެވިދާނެ ކަމަށް ބެލެވޭތީ..

    12