ކަޝްމީރުގައި ހިންދޫ އާބާދު ކުރަން އިންޑިއާ ސަރުކާރުން ނިންމާ، މުސްލިމުންގެ އަޣުލަބިޔަތު ކަޝްމީރުން ނައްތާލުމަށް އިންޑިއާ ސަރުކާރުން ފެށި މަސައްކަތުގެ ސަބަބުން މުޅި ސަރަހައްދު ހުއްޓުމަކަށް އައިސް، އެންމެފަހުން ކާބޯތަކެއްޗާއި ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެއްޖެއެވެ.

ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރް އިން މައުލޫމާތުދޭ ގޮތުގައި އިންޑިއާ ސިފައިން މުޅި ކަޝްމީރު ވަށާލާ، އެއްވެސް މުދަލެއް ކަޝްމީރަށް އެތެރެ ނުކުރެވޭ ގޮތް ހަދާފައި ވުމުން ފިހާރަތަކުން މިހާރު ދަނީ ކާބޯތަކެތި ހުސްވަމުންނެވެ. އަދި އޭޓީއެމްތަކުން ވަނީ ފައިސާ ހުސްވާން ފަށާފައެވެ.

"ފުށާއި، ކިރާއި، ކެއިން ބުއިމަށް ކޮންމެހެން ބޭނުންވާ ގިނަ ތަކެތި މިހާރު ދަނީ ފިހާރަތކުން ހުސްވަމުން. ސިފައިން މުޅި ސަރަހައްދު ބަންދުކޮށް، ދަތުރުފަތުރަށް ހުރަސް އަޅަމުން ގެންދާތީ ކާބޯތަކެތި ގެނެވޭނެ ގޮތެއް ނެތް." ކަޝްމީރުގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

ކަޝްމީރުގައި ކާފިއު އިއުލާންކޮށް އިންޑިއާ ސިފައިން ގެންދަނީ ދަތުރުފަތުރު ކުރުމަށާއި، ބައެއް ވިޔަފާރިތައް ހުޅުވަން ވެސް ހުރަސް އަޅަމުންނެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަޝްމީރުގެ ހާލަތު ގޯސްވެފައި ވާއިރު ކާފިއުގެ މުއްދަތު އިތުރު ކުރާނަމަ ކާބޯތަކެތީގެ ދަތިކަން ކަޝްމީރުގެ ރައްޔިތުންނަށް ވަރަށް ބޮޑުވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހާތަނަށް ފެންނަ މަންޒަރަށް ބަލާއިރު ދިމާވެގެން އުޅޭ މަައްސަލައަށް ސުލްހަވެރި ހައްލެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ކަޝްމީރުގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ކެމްޕޭން ވައުދެކެވެ.