ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ދަރިކަބަލުން މަރިޔަމް ނަވާޒް ޝަރީފް ހައްޔަރު ކޮށްފިއެވެ.

ޕާކިސްތާނުގެ މުސްލިމް ލީގް ޕާޓީގެ ނައިބު ރައީސާ މަރިޔަމް ނަވާޒް ހައްޔަރު ކުރީ ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މަރިޔަމް ނަވާޒް ހައްޔަރު ކުރީ އެ ބިއުރޯއަށް ހާޒުރުވާން އަންގާފައިވަނިކޮށް ޖަލުގައި އޮތް ބައްޕަ ނަވާޒް ޝަރީފް އާއި ބަދަލު ކުރަން ދާން ޖެހޭ ކަމަށް ބުނެ ހާޒިރު ނުވުމުންނެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒު ޝަރީފްގެ ދަރިކަބަލުން މަރިޔަމް ނަވާޒް ޝަރީފް ހައްޔަރު ކުރުމާ ގުޅިގެން ޕާކިސްތާނުގެ ޕީޕަލްސް ޕާޓީ ވަޓީން ވަނީ އެކަން ކުށްވެރިކޮށް މަރިޔަމް ހައްޔަރު ކުރީ ކުށަކާއި ނުލާ ކަމަށް ބުނެފަައެވެ.

ކޮރަޕްޝަނުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފާއި މަރިޔަމް ނަވާޒް އަދި އޭނާގެ ފިރިކަލުން ކެޕްޓަން ސަފްދާރުގެ މައްޗަށް އެކައުންޓެބިލިޓީ ކޯޓުން ކުރިން ވަނީ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް އެ ތިން މީހުންގެ ހުކުމް އިސްލާމްއާބާދު ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އަލް އަޒީޒިއާ ސްޓީލް މިލްސްގެ މައްސަލައިގައި ނަވާޒް ޝަރީފުގެ މައްޗަށް ކުށް ސާބިތުވެ ގެންދަވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމްކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރެއިން ކަމަަށް ސާބިތުވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސްއަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ބުނެފައި ވެއެވެ.