އެމެރިކާގެ ކަސްޓަމްސް އާއި އިމިގްރޭޝަން އޮފިސަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލިޔެކިޔުމެއް ނެތި އެމެރިކާގައި ދިރިއުޅެމުން ދިޔަ 680 މީހުން ހައްޔަރުކޮށް، އެމީހުންގެ ދަރިން މަގުމަތިކޮށްލައިފިއެވެ.

ބުދަ ދުވަހު އެމެރިކާގެ މިސިސިޕީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މީހުން ހައްޔަރު ކޮށްފައި ވާއިރު އެމީހުން ހައްޔަރު ކުރުމުން އެމީހުންގެ ދަރިން ސްކޫލް ނިންމާފައި ގެއަށް ނުދެވި ވަނީ މަގުމަތިވެފައެވެ. ބައެއް ކުދިން ޖިމްތަކާއި، އެހެނިހެން ތަންތަނުގައި ނިންދުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އިދާރާތަކުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ބައެއް ކުދިންގެ މައިންބަފައިން ހައްޔަރު ކުރެވިފައި ވެދާނެ ކަމަށާއި، އެކަންކަން ސްކޫލްތައް މެދުވެރިކޮށް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއޮޕަރޭޝަންގެ ސަބަބުން މަގުމަތިވެފައިވާ ކުދިންނަށް ދެން ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

މައިންބަފައިން ހައްޔަރު ކުރުމުން މަގުމަތިވެފައިވާ ކުދިން މައިންބަފައިން ހޯދަން ރޮމުންދާ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ލިޔުންތައް ނެތިގެން ކަމަށް ބުނެ ހައްޔަރު ކުރި ބައެއް މީހުން މިއަދު ކޯޓަށް ހާޒިރު ކުރުމުން އެމީހުން ބަންދުން ދޫކޮށްލަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އަދި މިހާތަނަށް ބަންދުން ދޫކޮށްލާފައި ވަނީ ކިތައް މީހުން ކަމެއް ރަސްމީ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްްރަމްޕް ގެންގުޅޭ ހަރުކަށި އިމިގްރޭޝަން އުސޫލުތަކުގެ ސަބަބުން މީގެ ކުރިން ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ޓްރަމްޕް ގެންދަނީ އެމެރިކާގައި ޤަވައިދާއި ހިލާފަށް އުޅޭ މީހުން ހައްޔަރު ކުރުމަށާއި، އެފަދަ މީހުން އެމެރިކާ އަށް އެތެރެވިޔަ ނުދިނުމަށް ވަރަށް ހަރުކަށި އުސޫލުތަކަކަށް އަމަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޢެހެންޤައުމަކުން މިހަކު އަރިއަކައްހުރެ ފޮޑިއެއް ޖެއްސް އިންސާނީ ހައްގޭ ކިޔާ ދަތިކުރުމުގެ ފިޔަވަޅު އަޅަންގޮވާ އެމެރިކާތަ ކޮބާ މިހާރު އެއްކަލަބުނާ އިންސާނީ ހައްގު

    18
    1
  2. ާއަޙުމަދު

    ޓްރަމްޕެއްކަމަކު ތިޔަހެދީ ހަމަ ރަގަޅަށް. ގޮތެއް ނުހެދިގެން މިއުޅެނީ މިތާމިއުޅޭ ބަނހާޅީންނަށް.

    11
    3
  3. ދިމެއްނޫން،

    މިހީވަނީ މީހުސް އެމެރިކަންސް ހެން!

    8
    1