މިޔަންމާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

އެޤައުމުގެ ނޫސްތައް ބުނާގޮތުގައި މި ހާދިސާގައި މަދުވެގެން ދިހަ މީހަކު މަރުވެފައިވާއިރު، އަނިޔާވި މީހުންގެ އަދަދު 30 އާއި ގާތްކުރާނެއެވެ. މިއަދުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ މިޔަންމާގެ އިރު ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ޕައުންގް ގައެވެ.

މި ހާދިސާގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާ ވެފައިވާއިރު، އެޤައުމުގެ ނޫސްތަކުން ބުނާގޮތުގައި ޕައުންގް އަވަށުގައި މި ހާދިސާ ހިނގި ސަރަޙައްދުން ގިނަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި މީހުން ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު އެ ސަރަޙައްދުގައި ވަޅުލެވިފައި ވެދާނެ ކަމަށް ބެލެވޭތީ އޮފިޝަލުން ދަނީ ސަރަޙައްދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިޔަންމާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާފައި މިވަނީ އެޤައުމަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކުގައި ދިރިނޫޅެވޭ ވަރަށް ފެންބޮޑުވެ އާންމުންގެ ގިނަ ބަޔަކު ރައްކާތެރި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވަނިކޮށެވެ.

މިއަދުގެ ހާދިސާ ހިނގި އަވަށަކީ މިޔަންމާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ހިސާބެވެ. މި އަވަށުން އެކަނިވެސް ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ 7000 އަށްވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

މިޔަންމާއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އެޤައުމުގެ އެކި ކަންކޮޅުތަކުގައި 38000 އަށްވުރެ ގިނަ ވަގުތީ ހިޔާތައް ޤާއިމްކޮށްފައިވާއިރު، އެ ވަގުތީ ހިޔާތަކަށް މިހާތަނަށް 12000 އެއްހައި މީހުން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.