1800 އަކަ ފޫޓުގެ ބިޔަ ގިނި ހިލައެއް މިއަދު ދުނިޔެ ހުރަސް ކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނީ QQ23 2006 ގެ ނަމުން ނަންދީފައިވާ މި ގިނި ހިލަ ދުނިޔެ ހުރަސް ކުރާނީ ހަނދަށް ވުރެވެސް ދުރުން ކަމަށެވެ. ނަމަވެސް މި ގިނި ހިލައިން އެއްވެސް ނުރައްކަލެއް ދުނިޔެއަށް ނުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ގިނި ހިލަ ދުނިޔެ ހުރަސް ކުރާނީ ދުނިޔެއާއި 4.6 މިލިއަން މޭލު ދުރުން ގަޑިއަކު 10400 މޭލު ބާރުމިނުގައެވެ.

ދުނިޔެއަށް ގިނިހިލަ ވެއްޓުމުގެ ހާދިސާތައް ކޮންމެވެސް ވަރަކަށް ހިނގާފައި ވެއެވެ. އެގޮތުން މީގެ މަހެއްހައި ދުވަސް ކުރިން ރަޝިޔާއަށްވެސް ގިނިހިލައެއް ވެއްޓުނެވެ. އަދި 2013 ވަނަ އަހަރުވެސް ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދަކަށް ގިނިހިލައެއް ވެއްޓުނެވެ. އެ ގިނިހިލަ ވެއްޓުނީ އެ ޤައުމުގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ޝެލިޔަބިންކްސް އަށެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ތަޖުރިބާކާރުން ފާޅުކޮށްފައި ވެއެވެ.

އެގޮތުން ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައި ވެދާނެކަމަށާއި، އެހެނަސް އެ ގިނިހިލަ ފެންނާނީ ދެން އިތުރަށް އެކަމުން ސަލާމަތްވާން ފިޔަވަޅެއް އެޅޭވަރަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކައުނުގެ ބިޔަ މިނަށް ބަލާއިރު، މިއަދު ދުނިޔެ ހުރަސްކޮށް ދަތުރުކުރާ ގިނިހިލަ ދަތުރުކުރަނީ ދުނިޔޭގެ ބޭރުން 4.5 މިލިއަން މޭލު ދުރުން ކަމުގައި ވީނަމަވެސް، މިއީ ދުނިޔެ އާއި ވަރަށް ކައިރި ނިސްބަތެއް ކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. މި ގިނިހިލަ މިއަދު ދުނިޔެ ހުރަސްކޮށްދާ ވަގުތު އާދައިގެ ޓެލެސްކޯޕުތަކަށްވެސް ފެންނާނެތީ، ގިނަ ބަޔަކު ދަނީ މި ތަޖުރިބާ ކޮށްލުމުގެ އިންތިޒާރު ކުރަމުންނެވެ.