އެޓްލާންޓިކް ކަނޑުގެ އަޑިޔަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، އެޓްލާންޓިކް ކަނޑުގެ މެދުތެރެއިން ކަނޑުއަޑީގެ ގިނަ އަދަދެއްގެ ފަރުބަދަތައް ހިމެނޭ ސަރަޙައްދަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާއެއް ކަމަށްވާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނީ، މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.1 ގެ ބާރުމިނުގައި ކަމަށެވެ. އެ އިދާރާއިން ބުނާގޮތުގައި މި ބިންހެލުން އައީ ބިމުގެ 40 ކިލޯމީޓަރު އަޑިންނެވެ.

އެޓްލާންޓިކް ކަނޑަށް މިއަދު ބިންހެލުން އައި ސަރަޙައްދަކީ ވަރަށް އާންމު ގޮތެއްގައި ބިންހެލުން އަންނަ ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ.

މި ސަރަޙައްދަށް މިއަދި ރެކްޓަރ މިންގަނޑުން 5.1 ގެ ބިންހެލުމެއް އައިއިރު، ތަޖުކިސްތާނުގެ އަވަށަކަށްވެސް ދާދި ދެންމެއަކު ވަނީ ރެކްޓަރ މިންގަނޑުން 5.4 ގޭ ބާރުގަދަ ބިންހެލުމެއް، ބިމުގެ 105 ކިލޯމީޓަރު އަޑިން އައިސްފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ މިފަދަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވަމުންދާއިރު، ކައިރި މުސްތަޤުބަލެއްގައި ދުނިޔެ ނުދެކޭހައި ބަރުގަދަ ބިންހެލުމެއް އަންނާން ކައިރިވެފައިވާ ކަމަށް ސައިންސްވެރިން އަންދާޒާކުރެއެވެ.