ނޯވޭގެ ވެރިރަށް އޮސްލޯގައި ހުންނަ މިސްކިތެއް ކަމަށްވާ އަލް ނޫރް އިސްލާމިކް ސެންޓަރު ތެރޭގައި ބަޑި ޖަހައި އެކަކު ޒަހަމް ކޮށްލައިފިއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޒުވާން އުމުރުގެ ދޮން މީހަކު މިސްކިތު ތެރެއަށް ވަދެ ބަޑި ޖެހާފައިވެއެވެ. އެ ހާދިސާގައި އެކަކު ޒަހަމްވިކަން ޔަގީންވެފައިވާއިރު، އެ މީހާ މިސްކިތަށް ވަދެ ބަޑި ޖެހީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ. އަދި އަނިޔާވި މީހާގެ ހާލުވެސް އަދި ޔަގީންވެފައެއް ނުވެއެވެ.

މިހާރު އެތަނުގައި އެމަޖެންސީ ޓީމުތަކުން ހަރަކާތްތެރިވާއިރު، ހެލްކޮޕްޓަރުވެސް ބޭނުން ކުރަމުންދާ ކަމަށްވެއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ބަޑި ޖެހުމަށް ވަން މީހާ ދިޔައީ ހެލްމެޓް އަޅައިގެންނެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި އޭނާ މިސްކިތަށް ވަދެފައި ވަނީ ދެ "ޝޮޓްގަން" ހިފައިގެންނެވެ. އޭނާ މިސްކިތަށް ވަދެފައި ވަނީ މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

މި ހާދިސާ އަށްފަހު ފުލުހުން މިސްކިތް ތެރެ ބަލައި ފާސްކޮށްފައިވާއިރު، ހަމަލާދިނުމަށް އޭނާ ބޭނުންކުރި ހަތިޔާރުތައް ވަނީ ހޯދާފައެވެ.

މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް މިހާރު އިދާރާތައް ގުޅިގެން ކުރަމުން އަންނައިރު، ނޯވޭގައި މިހާރު ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. މިރޭ ދިން މި ހަމަލާގެ ޒިންމާ ނިރުބަވެރި ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.

މިރޭ ނޯވޭގެ މިސްކިތަކަށް ހަތިޔާރުއެޅި މީހަކު ވަދެ ބަޑިން ހަމަލާދީ އެކަކު ޒަޚަމްކޮށްލާފައިވާއިރު، މީގެ ދުވަސްތަކެއް ކުރީން ނިއުޒިލޭންޑުގެ މިސްކިތަކަށް ހަމަލާ ދިން މީހަކު ވަނީ މިސްކިތުގައި އެވަގުތު ތިބި 51 މީހަކަށް ހަމަލާދީ ޝަހީދުކޮށްލާފައެވެ.