ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލި މައްސަލަ ތަހުގީގު ކުރަން އިސްރާއީލުން ދެކޮޅު ހަދައިފިއެވެ.

އަޅުވެތިކަން ނިމުމަކަށް ގެނެސް އިސްރާއީލުގެ ވަކިތަކުން މިނިވަން ވުމަށް ފަސްތީނުގެ ލޮބުވެތި ރައްޔިތުން މިދިޔަ ހުކުރު ދުވަހު ފެށި މުޒާހަރާ ގައި އިސްރާއީލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 17 މީހުން ޝަހީދުކޮށް 1,400 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮއްލާފައިވާ އިރު ބައިނައަގުވާމީ މުޖުތަމައުން މި މައްސަލަ މިނިވަން ތަހުގީގެއް ކުރުމަށް އިސްރާއީލަށް ވަނީ ގޮވާލާފައެވެ.

މުޒާހަރާގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުން އެއްވެސް ރަހުމެއްނެތި ޝަހީދު ކޮއްލި މައްސަލަ ތަހުގީގު ކުރަން އ.ދ އަދި އީޔޫ އިން ގޮވާލި ގޮވާލުމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ރައްދު ދެއްވައި ވިދާޅުވީ، އިސްރާއީލުގެ ސިފައިން ކަންތަށް ކޮށްފައިވަނީ ކަން ކުރަންޖެހޭ ގޮތަށް ކަމަށާއި އެމީހުންނަށް ސާބަސް ދޭން ޖެހޭ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން ޣައްޒާގައި އިއްޔެ ފެށި ބިޔަ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 17 އަށް އަރައިފައިވާއިރު 1,400 މީހުން ވަނީ ޒަހަމު ވެފައެވެ.

ގިނަމީހުން ޒަޚަމްވެފައިވަނީ ވަޒަން އެރުމުގެ ސަބަބުން ކަމަށާއި، ކަރުނަ ގޭހުގެ ސަބަބުންވެސް އެތައްބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

30 މާޗް އިން 5 މޭއަށް ކުރިއަށް ދާ މި މުޒާހަރާގައި ގިނަ ބަޔަކު ވަރުވެ ޒަހަމު ވަމުން ދަނީ އިސްރާއީލުން މުޒާހަރާގެ ބައިވެރިނާއި ކުރިމަތި ކުމަށް ބަރު ހަތިޔާރާއި ޓޭންކަރު ނެރެ ހަމަލާ ދެމުންދާތީއެވެ. އިސްރާއީލުގެ ސިފައިންދަނީ ލައިވް ވަޒަން މުޒާހަރާގެ ބައިވެރިނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.

" ދަ ގްރޭޓް ރިޓާން " ގެ ނަމުގައި ފެށި މި މުޒާހަރާތަށް ހަ ހަފްތާއަށް ދިގުލައިގެން ދާއިރު މި މުޒާހަރާ ތަކުގައި ހުކުރު ދުވަހު 100,000 ފަލަސްތީނުގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ. މުޒާހަރާގެ ބައިވެރިން މިހާރު ވަނީ އިސްރާއީލާއި ގައްޒާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވިއެވެ.